ޅެންވެރިކަން ކުރިއަރުވާ އެރޮނގުން މީހުން ބިނާ ކުރުމުގެ މަޤްސަދުގައި ރާއްޖޭގައި ޅެންވެރިންގެ އިތުރު ޖަމްޢިއްޔާއެއް ރަޖިސްޓްރީ ކޮށްފިއެވެ.

"ޝާޢިރުންގެ ވާދީ"ގެ ނަމުގައި 2021 އަހަރު ޖަނަވަރީ 11 ގައި ރަޖިސްޓްރީކުރި މި ޖަމްޢިއްޔާގެ އިފްތިތާޙީ ޖަލްސާ އޮންނާނީ ރާއްޖޭގެ ޅެންވެރިންގެ ދުވަސްކަމަށްވާ ޖެނުއަރީ 15 ވަނަ ދުވަހުއެވެ. ޝާޢިރުންގެ ވާދީގެ ފޭސް ބުކް ޕޭޖުން ލައިވް ސްޓްރީމް ކުރާ މި ޖަލްސާ އޮންނާނީ އެދުވަހު ހަވީރު 4 ޖަހާއިރުއެވެ.

ޝާޢިރުންގެ ވާދީއަކީ އައްޑޫ ސިޓީގެ ހަތަރު ޅެންވެރިން ކަމަށްވާ އުސްތާޛު ޙަސަން ލަބީބާއި، އުސްތާޛު އަޙުމަދު ނާސިރާއި، ޢަބްދުއްރައްޒާޤު ޙުސައިނާއި ،އަދި އުސްތާޛާ ޝަމްސުއްނިސާ މުޙައްމަދު ގެ މަސްއޫލުވެރިކަމުގެ ދަށުގައި ރަޖިސްޓްރީ ކޮށްފައިވާ ޖަމްޢިއްޔާ އެކެވެ.

މި ޖަމްޢިއްޔާގެ ހިންގާ ކޮމިޓީވެސް މިހާރުވަނީ އެކުލަވާލައިފައެވެ. ޖަމްޢިއްޔާގެ ރައީސަކީ އުސްތާޛު ޙަސަން ލަބީބެވެ. ނައިބް ރައީސަކީ އުސްތާޛާ ޝަމްސުއްނިސާ މުޙައްމަދު އެވެ. ޚާއްސަ މުޝީރުންގެ ގޮތުގައި ގދ.ތިނަދޫ އަލިދޯދި އުސްތާޛު ޢަބްދުﷲ ޢަފީފާއި ސ.މީދޫ ދާރުލްއަމާން ފަޟީލަތުއްޝައިޚު ޢަބްދުﷲ ހާނީ ތިއްބަވާއިރު ހިންގާ ކޮމިޓީގެ އިތުރު މަޤާމް ތަކުގެ ތެރޭގައި އަމީން ޢާއްމު، ޚަޒާންދާރު، މީޑިއާ ކޯޑިނޭޓަރ، އިންތިޒާމް ސެކްރެޓަރީ، އަދި މިއިން ކޮންމެ މަޤާމެއްގެ ނައިބުންނާއި އިތުރު މެންބަރުންގެ ގޮތުގައި 5 މެންބަރުންނާއި އެކު ޖުމްލަ 17 މެންބަރުން ހިމެނެއެވެ.

މިޖަމްޢިއްޔާގެ ރައީސް އުސްތާޛު ޙަސަން ލަބީބު ވިދާޅުވީ ޝާޢިރުންގެ ވާދީއަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ދިވެހި އަދަބިއްޔާތު ކުރިއެރުވުމާއެކު ވަކިން ޚާއްސަކޮށް އަދަބިއްޔާތުގެ ތެރޭ ހިމެނޭ ޅެންވެރިކަމުގެ ފަންނަށް މީހުން އަހުލު ވެރިކޮށް ކުޅަދާނަ އާ ޅެންވެރިންތަކެއް އުފެއްދުމުގެ މަޤްސަދުގައި ހިންގާ ޖަމްޢިއްޔާއެއް ކަމަށެވެ.

"މި ޖަމްޢިއްޔާ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ހެދި ފޯދޭނެ. ޖަމްޢިއްޔާގެ ގޮފިތައް އެތަންތާ ޤާއިމުވެ މުސްތަޤްބަލުގަ އެގޮފިތަކުން ގިނަ ޙަރަކާތްތަކެއް ހިންގަމުންދާނެ." އުސްތާޛު ލަބީބު ވިދާޅުވިއެވެ.

ޝާޢިރުންގެ ވާދީ އުފެދިގެން އައީ 2020 ވަނަ އަހަރުގެ ތެރޭ އުފަންވި ޚިޔާލަކާއެކު އުފެއްދި ވައިބަރ ގްރޫޕެއްގެ ތެރެއިންނެވެ. މިހާރުވެސް ވައިބަރ ގްރޫޕް ކާމިޔާބު ކަމާއެކު ޙަރަކާތްތެރިވަމުންދާއިރު މި ގްރޫޕްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޮވާލެވޭ ޅެންވެރިންނާއި އެކަމަށް ޝައުޤު ވެރިވާ މީހުން ތިބެ ޅެންވެރިކަމާއި ގުޅޭ ލަވަ، ރައިވަރު، ޅެން، އަދި ބަނދި ފަދަ ހުށަހެޅުންތައް ކޮންމެ ދުވަހަކުވެސް ހުށަހަޅަމުން ދެއެވެ. މީގެ އިތުރުން އެގްރޫޕްގެ މެންބަރުންގެ މެދުގައި ކޮންމެ މަހަކު އަގުހުރި އިނާމް ލިބޭ ޚާއްސަ މުބާރާތްތައް ދަނީ ބާއްވަމުންނެވެ.

ޝާޢިރުންގެ ވާދީގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖުގައިވެސް ޅެންވެރިންގެ ހުށަހެޅުންތައް ކޮންމެ މީހަކަށް ވެސް ބަލާލެވޭގޮތަށް ހިމަނަމުން ދެއެވެ.