ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާއެކު ގއ. ދެއްވަދޫގައި މޮނިޓަރިންގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން އެރަށު މީހުން ހާލުގައި ޖެހިފައިވާތީ އެހީވުމުގެ ގޮތުން އެ އަތޮޅު ގެމަނަފުށީ މަސް ދޯންޏަކުން އެރަށް މަސް ހަދިޔާ ކުރުމަށް ނިންމައިފިއެވެ.

އުފާ ދޯނިން މަހަށްދާ ޒުވާން މަސްވެރިޔާ، ހަސަން ސާޖިން ބުނެފައިވަނީ ދެއްވަދޫ ކަރަންޓީނުގައި އޮތުމުން، އެރަށުގެ މަސްވެރިއާއިލާތަކާއި އެންމެހާ ރައްޔިތުންނަށް މަސް ފޯރުކޮށްދިނުމަށްޓަކައި މަސްހިފައިގެން އުފާދޯނި ދެއްވަދުއަށް ދަތުރު ފަށާފައިވާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި އެހެނިހެން ދޯނިފަހަރާއި މަސްވެރިންވެސް ދެއްވަދޫއަށް އެހީތެރިވުމަށް އަތު ގުޅާލުމަށް ޒުވާން މަސްވެރިޔާވަނީ އެދިފައެވެ.

"މަސްވެރިން އެމްވީ" ނޫހަށް މައުލޫމާތުދެމުން ސާޖިން ބުނީ ރޭ ފަތިހު ބޮޔަށް ގޮސް 800 ކިލޯގެ މަސްބޭނުނު ކަމަށާއި އެ މަސް ހަދިޔާ ކުރުމަށް ނިންމާފައި ވަނީ ދެއްވަދޫގެ ޓާސްކްފޯހާއި ގުޅިގެން ރަށުގެ ހުރިހާ ގޭބިސީތަކަށް ކަމަށެވެ.

ދެއްވަދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ހުވަދޫގެ އެކި ރަށްތަކުން އަންނަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ރައްޔިތުންނަސް ބޭނުންވާ އަސާސީ ތަކެއްޗާއި ފައިސާގެ އެހީތެރިކަން ދިނުމަށް އަންނަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.

ދެއްވަދޫއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރަށު ކައުންސިލުން އެދުމާއި ގުޅިގެން ގއ. ކައުންސިލުން ވަނީ ރަށައް ބޭނުންވާ ބޯފެން ފޯރުކޮށްދީފައެވެ. މީގެ އިތުރުން ރައްޔިތުންނަށް ބޭނުންވާ ރޯ މަސް އަތޮޅުގެ އެކި ދޯނިތަކުން އަންނަނީ އެރަށައް ގެނެސްދެމުންނެވެ.