މައިންބަފައިންގެ ހައްގުތަކަށް ރައްކާތެރިވުމަކީ އެ މީހަކު ސުވަރުގެ ވަނުމަށް ހުޅުވިފައިވާ ދޮރެއް ކަމަށާއި އަދި އެ ހައްގުތަކަށް ރައްކާތެރި ނުވުމަކީ، ސުވަރުގޭގެ އެ މަތިވެރި ނިއުމަތުން މަހްރޫމް ވެގެންދާނެކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުކުރު ހުތުބާގެ މިއަދު ގެ މައުޟޫ "މައިންބަފައިންނަކީ ސުވަރުގޭގެ ދޮރުކޮޅުތަކެއް!" މި މައުޟޫއަށް އަލިއަޅުވައި މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، މާތް ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އަދާކުރަންޖެހޭ ހައްގުތަކަށް ފަހު، ދެން އަދާކުރަންޖެހޭ އެންމެ އިސް ހައްގަކީ މައިންބަފައިންނަށް އަދާކުރަން ޖެހޭ ހައްގު ކަމަށެވެ. ކީރިތި ގުރުއާނާއި، ރަސޫލާގެ ސުންނަތުގައި ވެސް އެކަމަށް ބާރުއަޅުއްވާފައިވާއިރު، ޝަރުއީ ނައްސުތަކުގައި މައިންބަފައިންނަށް ކިޔަމަންގަތުމަށް އަމުރުކުރައްވައި، އެބައިމީހުންނަށް އުރެދުމުގެ ނުބައިކަން ބަޔާންކުރައްވާފައި ވާކަމަށްވެސް ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

މާތް ރަސްކަލާނގެ އަށް އަޅުކަން ކުރުމަށާއި މައިންބަފައިންނަށް ހެޔޮކޮށް ހިތުން ބަނދެލައްވާފައި ވަނީ އެއް ވާފަށަކުންނެވެ. މިކަމުން އެނގެނީ މައިންބަފައިންނަށް އަޅާލުމާއި އެ މީހުންނަށް ހެޔޮކޮށް ހިތުމުގެ މުހިންމު ކަމެވެ. އަދި އެ މީހުންނަށް އުރެދުމަކީ މާތް ރަސްކަލާންގެ ހަރާން ކުރައްވާފައިވާ ކަމެވެ.ހުކުރު ހުތުބާ

މުސްކުޅި މައިންބަފައިންނާއިއެކު އެއް ގެއެއްގައި އުޅުމަކީ، ދަރިންނަށް މިއަދު ހުތުރު ކަމަކަށް ވެފައިވާކަމެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ މުސްކުޅި މައިންބަފައިން ނުކުޅެދޭ މީހުންނަށް ހާއްސަ ހިޔާވަހިތަކުގައި ބައިތިއްބަން ދަރިން ބޭނުންވާކަމަށެވެ. މިއީ ބައެއްގެ ފާސިދު ސަގާފަތުގައި ޖެހި، އާޝޯހުވެ، އާވާރާވެ ތިބެ ދަރިން ކުރާކަމެއްކަންވެސް ހުތުބާގައި ފާހަގަކުރިއެވެ. އަދި މިކަމަށް އޮތް ހައްލަކީ އިސްލާމީ ތަރުބިއްޔަތާއި، އިސްލާމީ ރިވެތި އަހްލާގާއި، އިސްލާމީ އަދަބާއި ސުލޫކު ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ، މައިިންބަފައިންގެ ހައްގުތަކަށް ރައްކާތެރި ނުވުމަކީ ސުވަރުގޭގެ މަތިވެރި ނިއުމަތުން މަހުރޫމް ވެގެންދާނޭ ކަމެއް ކަމަށާއި މައިންބަފައިންނަށް އުރެދުމަކީ ތިމާގެ އަޅުކަންތަކުގައި ޖެހޭ ލައްތަކެއް ކަމަށެވެ. ޝަރުއީ ނައްސަތުތަކުގައި ވެސް މައިންބަފައިންނަށް ކިޔަމަން ގަތުމަށް އަމުރުކުރައްވައި އެބައިމީހުންނަށް އުރެދުމުގެ ނުބައިކަން ބަޔާންކުރައްވާފައިވާ ކަމަށް ހުތުބާގައި ވެއެވެ. ހުތުބާގައި ވިދާޅުވީ މާތް ރަސްކަލާނގެ ކަމެއް ކަނޑައެޅުއްވުމުގެ މާނައަކީ އެކަމާ ބެހޭ ގޮތުން ނިޔާ އިއްވުން ކަމަށެވެ. އެހެންކަމުން އެ ނިޔާއަށް އަމަލުކުރުން ވާޖިބުވާނެ ކަމަށާއި އަދި އެކަމެއް ނުކޮށްފިނަމަ ފާފަވެރިވެސް ވާނެ ކަމަށެވެ.

ހުތުބާގައި އިތުރަށް ބުނީ، މައިންބަފައިންނަށް އަޅައިލުމާއި ކެމޭހިތުމަކީ އެކަމުގައި ޖަދަލުކޮށްގެން ނުވާނެ ކަމެއް ކަމަށާއި މައިންބަފައިން ހިތުގައި ޖެހުނަ ދީގެން ނުވާނެ ކަމަށެވެ. އަދި މައިންބަފައިން އެއްވެސް ކަމަކަށް އެދޭ ނަމަ އެކަމެއް އަވަހަށް ކޮށްދޭން ވާނެ ކަމަށާއި ނަމަވެސް އެ މީހުންނަށް ކަމެއް ބޭނުންވިޔަސް އަދި ނުވިޔަސް ދަރިން މައިންބަފައިންނަށް އަބަދުވެސް ހެޔޮކޮށް ހިތަންވާނެ ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.