ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްތިއުނާފީނުކުތާތަކަށް ރައްދުދެއްވައި، ރިސޯޓެއް ތަރައްގީކުރަން ރަށެއް ބޭނުންވާ ކޮންމެ މީހަކު ރައީސަކަށް ފީ ދޭންޖެހޭ އެއްވެސް ގާނޫނީ ހަމައެއް ނެތްއިރު، އެފައިސާ ވާނީ ރިޝްވަތަކަށް ކަމަށާއި އަދި ހަމައެހެންމެ ރިޔާސީ ކެމްޕެއިނަށް ހޯއްދަވާފައިވާ ފައިސާއެއް ކަމަށްވި ނަމަވެސް އެ ފައިސާ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓުގައި ނުބެހެއްޓޭނެ ކަމަށް ދައުލަތުން ބުނެފިއެވެ.
އާރަށް ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ހައިކޯޓުގައި އިއްޔެ ކުރިއަށްދިޔަ، ރައީސް ޔާމީންގެ ދިފާއުގައި ހުށަހެޅި، އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުން ރައްދު ދިނުމުގެ އަޑުއެހުމުގައި، ދައުލަތުގެ ވަކީލު ވިދާޅުވީ، ރައީސް ޔާމީން ރިޝްވަތު ނަންގާފައި ނުވާނޭ ކަމަށްވިދާޅުވެ، މައްސަލައިގައި ހިމެނޭ އެއްމިލިއަން ޑޮލަރަކީ ރިޔާސީ ކެމްޕެއިނަށް ފައިސާ ހޯއްދަވަން ހިންގެވި ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ވިދާޅުވާއިރު ކެމްޕެއިނަށް ހޯއްދަވާފައިވާ ފައިސާއެއްކަމުގައި ވިޔަސް އެފައިސާ ޔާމީންގެ އަމިއްލަ އެކައުންޓުގައި ނުބެހެއްޓޭނެކަމަށެވެ.
ރިޝްވަތު ގަބޫލުކުރުމާއި ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ ލޯންޑާކުރެއްވިކަން ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ވަނީ އެގާރަ އަހަރުގެ ޖަލު ހުކުމެއް އިއްވައި، އަދި އެ މައްސަލައިގައި ރިޝްވަތު ދެއްވިކަމުގެ ކުށް ސާބިތުވެ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް ތިން އަހަރާއި ދެ މަހާއި ބާރަ ދުވަހަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ދެ ބޭފުޅުންގެ ފަރާތުން އެ މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން ތިންވަނަ ނުކުތާއެއްގެ ގޮތުގައި ރައީސް ޔާމީން ވިދާޅުވީ، ޔޫސުފް ނައީމްގެ ފަރާތުން ލިބިވަޑައިގަތް ފައިސާއަކީ ރިޝްވަތު ކަމަށް ދައުލަތުން ބުނާ އިރު، އެއީ ރިޔާސީ ކެމްޕެއިނަށް ފައިސާ ހޯދަން ހިންގެވި ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށެވެ. ޔޫސުފް ނައީމު އަތުން ޑޮލަރު ގަންނަން ޖެހުނީ އެހެން މީހުންގެ އަތުން ޑޮލަރު ނުލިބުމުންކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ، ޔޫސުފް ނައީމު ކޮށްދެއްވި ހަމައެކަނި ކަމަކީ ހަމަ އަގުގައި ޑޮލަރު މާރުކޮށްދެއްވުންކަމަށެވެ.
އެ ނުކުތާއަށް ރައްދު ދެއްވަމުން، ސިޔާސީ ޕާޓީތަކާބެހޭ ގާނޫނާއި އިންތިހާބާ ބެހޭ އާއްމު ގާނޫނާ ހަވާލާދެއްވައި، ދައުލަތުގެ ވަކީލު ވިދާޅުވީ، ސިޔާސީ ކެމްޕެއިނަށް އެމަނިކުފާނުގެ އަމިއްލަ ބޭނުމަށް ހޭދަކުރަން ބެހެއްޓި ފައިސާ ކަމަށް ރައީސް ޔާމީން ކޯޓުގައި ވިދާޅުވެފައިވާ ކަމަށެވެ. އެހެން ވިދާޅުވެފައިވީ ނަމަވެސް އެއީ ސިޔާސީ ޕާޓީގެ ފައިސާ ކަމަށް އެމަނިކުފާނު ވިދާޅުނުވާ ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
ނަމަވެސް ރާއްޖޭގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ބޭފުޅަކު ކޯޓުގައި ތިމަންނަ ކެމްޕެއިނަށް ލިބޭ ފައިސާއަކީ ސިޔާސީ ޕާޓީގެ ފައިސާނޫންކަމަށް ވިދާޅުވާއިރު، އަމިއްލަ ގޮތުން ވާދަކުރާ އަމިއްލަ ފަރުދަކަށް އެހެން ދެންނެވިދާނެ ހާލަތެއް އަތުވެދާނެކަމަށެވެ. އެހެނެއްކަމަކު ރައީސެއްގެ މަގާމުގައި، އަދިއެވެސް އޭރު އޮތް އެންމެ ބޮޑު ސިޔާސީޕާޓީގެވެސް އިސްފަރާތްކަމަށްވާ ބޭފުޅަކަށް އެހެން ވިދާޅުވެވިދާނެކަމަށް ގަބޫލު ނުކުރެވޭ ކަމުގައެވެ. އެހެންކަމުން އެފައިސާ ޔާމީންގެ އަމިއްލަ އެކައުންޓުގައި ނުބެހެއްޓޭނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
އެ ފައިސާ އެއްވެސް ކޮޅަކުން ރައީސް ޔާމީނަށް ލިބުން ހުއްދަވޭތޯ ބަލާއިރު، ގާނޫނީ އެފަދަ އެއްވެސް ގޮތެއް ނެތް ކަމަށްވެސް ދައުލަތުގެ ވަކީލު ވަނީ ވިދާޅުވެފައެވެ.
ގާނޫނުއަސާސީގެ 119ގައި ބުނާ ގޮތުގައި، ދައުލަތާ އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުއާމަލާތެއްގައި، ރައީސުލްޖުމްހޫރިއްޔާއަށް ހުންނަ ބޭފުޅެއްގެ މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެން ނުވާނެއެވެ. ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކު ވިޔަފާރިއެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ، އާމްދަނީއެއް ލިބޭ ފަދަ އެހެން އެއްވެސް މަސައްކަތެއް ކޮށްގެންނުވާނެކަން ފާހަގަކުރައްވައި ވަކީލު ވިދާޅުވީ، އާރަށާ ގުޅޭ މުއާމަލާތަކީ ދައުލަތާއި އާއްމު ފަރުދަކާ ދެމެދު ކުރެވުނު މުއާމަލާތެއް ކަމަށެވެ.
ހަމައެެހެންމެ ރިސޯޓެއް ތަރައްގީކުރަން ރަށެއް ބޭނުންވާ ކޮންމެ މީހަކު ރައީސުލްޖުމްހޫރިއްޔާއަށް ފީއެއް ދައްކަންޖެހޭ ގާނޫނީ އެއްވެސް ހަމައެއް އޮތްތޯ ބަލާއިރު އެފަަދަ ފީއެއް ރައީސަށް ދައްކަން ޖެހޭ އެއްވެސް ހަމައެއް ނެތްކަން ވަކީލު ފާހަގަކުރެއްވިއެވެ. އެހެންވީމާ، އެ ފައިސާއަކީ ގާނޫނު ހުއްދަނުކުރާ މަންފާއެއް، އާދެ، އެއީ ރިޝްވަތެއްކަމަށް ދައުލަތުގެ ވަކީލު ވަނީ ވިދާޅުވެފައެވެ.