ޔޫތް މިނިސްޓްރީ އާއި ގުޅިގެން އާބަންކޯއިން ތިލަފުށީގައި މޮޓޯ ސްޕޯޓްސް އެރީނާއެއް ތަރައްގީކުރުމަށް ބޭނުންވާ ބިން ހަމަޖައްސާ އެކަމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އާބަންކޯއިން ބުނީ މި އެރީނާ ތަރައްގީ ކުރެވިގެންދާނީ ތިލަފުށީގެ ފޭސް ދޭއްގައެވެ. އެގޮތުން ތިލަފުށިން ދިހަ ހެކްޓަރުގެ ބިން މި މަޝްރޫއަށް ހާއްސަ ކުރެވިގެން ދާނެއެވެ.

މި އެއްބަސްވުމުގައި އާބަންކޯގެ ފަރަތުން ސޮއިކޮށްފައިވަނީ މެނޭޖިން ޑިރެކްޓަރު އަހްމަދް އާތިފްއެވެ. އަދި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަޒްމޫން އަހްމަދުއެވެ. ހަމަމިއާއެކު މި އެއްބަސްވުމުގައި ސޮއިކުރުމަށް ކުރިއަށްގެންދެވުނު ރަސްމިއްޔާތުގައި ރޭސިންގ އެސޯސިއޭޝަންގެ ޕްރެޒިޑެންޓް މުހައްމަދު ޝާމިހް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ހަފްލާފައި ވާހަކަ ދައްކަވަމުން އާބަންކޯގެ މެނޭޖިންގް ޑިރެކްޓަރު އާތިފް ވިދާޅުވީ "މިހާރު ހުޅުމާލެ ގައި ވަރަށް ދަތިކޮށް ކުރަމުން އައި ކަމެއް ހައްލުވެގެން، އިންޓަރނޭޝަނަލް ސްޓޭންޑަރްޑް ޓްރެކްއެއްގައި ރޭސް ކުރެވޭނެ ފުރުސަތު މިހާރު މިވަނީ ހަމަޖެހިފައި" ކަމަށެވެ.

މީގެއިތުރުން ރޭސިންގް އެސޯސިއޭޝަންގެ ޕްރެޒިޑެންޓް ވަނީ މިތަނުގެ ހަމައެކަނި ރޭސްޖެހުމުގެ ބަދަލުގައި މޮޓޯ ސްޕޯޓްސްގެ އެކި ޑިސިޕްލިންތައް ކުޅެވިގެންދާނެކަމަށް ވިދާޅުވެފައެވެ. އަދި މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ޒުވާނުންނަށް އެކަށޭނެ ސަރަހައްދެއް މޮޓޯ ސްޕޯޓްސް އަށް ތަރައްގީކުރެވިފައި ނުވާތީ ދިމާވާ ދަތިތަކަށް ހައްލެއް ހޯދަދިނުން ކަމަށެވެ.