އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން އައްޑޫސިޓީ ފޭދޫގައި ހިންގި ބަނގުރަލުގެ އޮޕަރޭޝަނެއްގައި ދިވެހި ތިން ފިރިހެނުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އިއްޔެ ރޭ ހިންގި އެ އޮޕަރޭޝަނަކީ ފޭދޫ ގެއެއްގެ ގޯތިތެރޭގައި ބަނގުރާ ކައްކާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ.އަދި އެ އޮޕަރޭޝަނުގައި، އެ ގޯތިތެރެ ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ފަހެއްގެ ތިން ފުޅިއާއި ހަތްހަން އަދި ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ސާމާނު ފެނިފައިކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެއިތުރުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 20 އަަހަރުގެ މީހަކާއި 25 އަހަރުގެ މީހެއްގެ އިތުރުން 33 އަހަރުގެ މީހެއްކަމަށެވެ. އަދި މިހާރު ގަން ޕޮލިސް ސްޓޭޝަނުން މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.