މާލޭގެ ހޮޓަލެއްގައި ރޫހާނީ ފަރުވާ ކްލާސްތަކެއްގެ ނަމުގައި ހިންދޫ ދީން ފަތުރަން އައި ކަމަށް ތުހުމަތު ކުރެވޭ ހިންދޫ ފާދިރީ އަކާއި އިތުރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުންގެ މީޑިއާއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ޓުއަރިސްޓް ވިސާގައި ރާއްޖެ އައިސް ހުރި އެމީހާ، ދިމާވާ ގޮންޖެހުންތަކަކަށް ރޫހާނީ ހައްލު ހޯދައިދޭން ދަސްކޮށްދޭ ކްލާސްތަކެއް ހިންގާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓް ކޮށްފައިވާކަން އެ އިދާރާގެ ސަމާލުކަަމަށް އައިސްފައިވާ ކަމަށެވެ.

އަދި އެކަމާ ގުޅިގެން އެ މީހާއާއި އެކަމުގައި ބައިވެރިވި ކަމަށް ބެލެވޭ އިތުރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެކަމާ ގުޅޭ މައުލޫމާތު ސާފުކުރުމުން ގެންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައަކީ ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާބެހޭ ގާނޫނާ ހިލާފު ކަމަކަށް ވާތީ، އެ ކަމާ ގުޅުން ހުރި ސަރުކާރުގެ އިދާރާތަކާ ގުޅިގެން ބެލުމުގެ ދަށަށް ގެނައި މީހުންނާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ފުލުހުން މިމައުލޫމާތު ދީފައިވާއިރު، އަދި މިމީހާ ހައްޔަރުކޮށްފައިވާ ކަމަށް ބުނާއިރު، މިއަދުގެ ވަގުތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވަނީ ހިންދޫ ދީނުގެ އެ ފާދިރީގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ފުލުހަށް ހުށަހަޅާފައެވެ.

ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގައި ބުނާ ގޮތުން، ތިރީގައި މިދަންނަވާފަދަ އެއްވެސް ކަމެއް ކުރުމަކީ ނުވަތަ ކުރަން އުޅުމަކީ ގާނޫނު ހުއްދަނުކުރާ ކަނޑައެޅިގެން މަނާ ކަމެކެވެ.

  • ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުން
  • މީހުންގެ މެދުގައި ދީނީ ގޮތުން ހިލާފު އުފެދޭ ބާވަތުގެ ވާހަކަދެއްކުން
  • އެފަދަ ގޮތް ގޮތަށް އަމަލުކުރުން

ޑރ. ގަނޭޝް ޑުބޭ ނަމަކަށް ކިޔާ މި މީހާ ވަނީ، ރާއްޖޭގައި ރޫހާނީ ފަރުވާ ކްލާސްތަކެއް ހިންގުމަށް ރާއްޖެ އައިސްފައި ހުރި ކަމަށް ބުނެ އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށް އިޝްތިހާރުކޮށް، އަދި އެ ކުލާސްތަކުގައި ބައިވެރިވާން ސަތޭކަ އެމެރިކާ ޑޮލަރު ނަގާކަމަށް އިޝްތިހާރުގައި ބުނެފައިވެއެވެ.