މަޝްރޫއުތައް ކުރިޔަށް ގެންދިއުމަށް ކުންފުނިތަކާ ހަވާލުކުރުމަށްފަހު، ފެނަކަ ކޯޕަރޭޝަނުން ކޮންޓްރެކްޓަރުންނަށް ފައިސާ ނުދީ ހިފަހައްޓާފައިވާކަމަށް ބުނެ ދެކެވޭ ވާހަކަ އެ ކުންފުނިން ދޮގުކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަނާއި ގުޅޭގޮތުން ރާއްޖޭގެ އޮންލައިން މީޑިއާއެއްކަމަށް ވާ "ދިޔަރެސް" ނޫހުން ވަނީ ކުންފުނީގެ މަޝްރޫއުތައް ކުރިޔަށް ގެންދާ ކޮންޓެރެކްޓަރުންނަށް ދޭން ޖެހޭ ފައިސާތަކެއް ނުދީ ހިފަހައްޓާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.

އެ ހަބަރު ދޮގުކޮށް ފެނަކައިން އާއްމުކުރި ބަޔާނުގައި ބުނެފައިވަނީ ކޮންޓްރެކްޓާސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ސަރުކާރުގެ މަޝްރޫއުތަކުގައި މަސައްކަތް ކުރާ ކުންފުނިތަކަށް މަސައްކަތް ނިންމުމަށްފަހު، ލިބެންޖެހޭ ފައިސާ ނުލިބޭ ކަމަށާއި، އޭގެ ތެރޭގައި ސަރުކާރުގެ ކުންފުނިތައް ވެސް ހިމެނޭކަމަށް ބަޔާންކޮށްފައި ވާތީ، އޭގެ ތެރެއިން އެއް ކުންފުންޏަކީ ފެނަކަ ކަމުގައި ދިޔަރެސްއިން ބުނެފައިވާ ކަމަށެވެ. އަދި އެ ނޫހުގެ ފަރާތުން ބައެއް ކޮންޓްރެކްޓަރުންނަށް ގުޅުމުން ފެނަކައިން ދޭންޖެހޭ ފައިސާ ނުދީވާކަމަށް ބައެއް ކޮންޓްރެކްޓަރުން ބުނެފައިވާކަމަށް ރިޕޯޓުކުރިއިރު، ކުންފުނީގެ އެއްވެސް ބަހެއް ހޯދާފައި ނުވާ ކަމަށެވެ.

ފެނަކައިން ބުނެފައިވަނީ ކުންފުނީގެ ފަރާތުން ހިންގާ މަޝްރޫއުތަކަށް، އެއްބަސްވުމުގައި ވާގޮތަށް އޮންނަ އުސޫލާއި އެއްގޮތަށް ދައުސާ ދޫކުރާކަމަށެވެ.

މިއީ އާއްމުންގެ ތެރޭގައި ފެނަކައާއި މެދު ޝައްކު އުފެއްދުން ކަމަށާއި، ކުންފުނީގެ ނަން ކިލަނބުވާ ގޮތަށް ކުރާ މަސައްކަތްތައް ހުއްޓާލަން އިލްތިމާސްކުރާކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ބުނެފައިވަނީ ކުރިޔަށް އޮތް ތަނުގައި ވެސް ފެނަކައިން މަސައްކަތް ކުރާނީ އާއްމުން ބަލައިގަންނަ ހިދުމަތްތަކެއް ކުރުމަށް ކަމަށާއި، ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެއްވެސް ފަސްޖެހުމެއް ނެތި ކުރިޔަށް ދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.