ޅ. ކުރެންދޫގައި އިމާރާތް ކުރި އައު އިންޖީނުގެއާއި އޮފީސް އިމާރާތް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު މިއަދު ހުޅުއްވައި ދެއްވައިފިއެވެ.

އެރަށު އިންޖީނުގެއާ ފެނަކަ އޮފީސް ރައީސް ހުޅުވައިދެއްވީ އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިއަދު މެންދުރުފަހު ވަނީ ޅ. ކުރެންދުއަށް ކުރެއްވި ދަތުރުފުޅުގައެވެ.

އެގޮތުން އެމަނިކުފާނު ކުރެންދޫގައި ހުޅުއްވައިދެއްވި ފެނަކަ އިންޖީނުގެއާ އޮފީސް އިމާރާތަކީ ޖާގަ ތަނަވަސް އަދި ބޭނުންވާ އިތުރު ވަސީލަތްތަކާއެކު އިމާރާތްކޮށްފައިވާ ތަންތަނެވެ. އަދި އައު އިންޖީނުގެ އިމާރާތްކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަޙައްދާ ދުރުގައެވެ.

އިތުރު ވަޞީލަތްތަކާއެކު އިމާރާތް ކޮށްފައިވާ ކުރެނެދޫ އިންޖީނުގޭގެ ކެޕޭސިޓީއަކީ1600 ކިލޯވޮޓެވެ. އަދި މިހާރުގެ ބޮޑުމިނަކީ 22914 އަކަފޫޓެވެ. ހަމައެއާއެކު މި އިންޖީނުގެއަކީ 14 މުވައްޒަފުންނަށް މަސައްކަތްކުރެވޭ ގޮތައް ހަދައިފައިވާ ތަނެކެވެ.

މީގެއިތުރުން ފެނަކަ އައު އޮފީސް އިމާރާތުގެ ބޮޑުމިނަކީ 2500 އަކަފޫޓެވެ. އަދި މި އޮފީސް ތައްޔާރުކޮށްފައިވަނީ 12 މުވައްޒަފުންނަށް މަސައްކަތްކުރެވޭ ގޮތަށެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ.