މާލޭގެ ހޮޓަލެއްގައި ރޫހާނީ ފަރުވާ ކްލާސްތަކެއްގެ ނަމުގައި ހިންދޫ ދީން ފަތުރަމުން އައިކަމަށް ތުހުމަތު ކުރެވޭ މީހާ އާއި އޭނާގެ އެހީތެރިޔާއާ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކޮށްލައިފިއެވެ.

ޓުއަރިސްޓް ވިސާގައި ރާއްޖެ އައިސް ހުރި އިންޑިޔާގެ ޑރ. ގަނޭޝް ޑުބޭ ނަމަކަށް ކިޔާ އެމީހާ، ދިމާވާ ގޮންޖެހުންތަކަކަށް ރޫހާނީ ހައްލު ހޯދައިދޭން ދަސްކޮށްދޭ ކްލާސްތަކެއް ހިންގާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިޝްތިހާރުކޮށް، އަދި އެ ކުލާސްތަކުގައި ބައިވެރިވާ އަގަކީ 100 އެމެރިކާ ޑޮލަރުކަމަށްވެސް ބުނެފައިވެއެވެ.

އެކަމާ ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން ފުލުހުން ވަނީ ދިމާވާ ގޮންޖެހުންތަކަށް ރޫހާނީ ހައްލު ހޯދައިދޭން ދަސްކޮށްދޭ ކުލާސްތަކެއް ހިންގަން އައި ކަމަށް ބުނާ އެ ފާދިރީއާއި އެކަމުގައި ބައިވެރިވާ އިތުރު މީހަކު އެ އިދާރާގެ ބެލުމުގެ ދަށަށް އިއްޔެގެ ވަގުތެއްގައި ގެންގޮސްފައެވެ.

އަދި އެ މައްސަލައަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާބެހޭ ގާނޫނާއި އިމިގްރޭޝަން ގާނޫނާއި ހިލާފު ކަމަކަށްވާތީ އެ މީހުންނަށް ފިޔަވަޅު އެޅުމަށް ރޭ އިމިގްރޭޝަނާ ހަވާލުކުރިއެވެ. ފާދިރީ އާއެކު ދެން ޑީޕޯޓުކޮށްލި މީހާއަކީ ފާދިރީގެ ކުލާސްތައް ރާވައި ހިންގުމުގައި ހަރަކާތްތެރިވި، ވޯކް ވިސާގައި ރާއްޖޭގައި އުޅޭ އިންޑިއާ މީހެއްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.