ސީރިއާގެ އިރުމަތީ ސަރަހައްދުތަކަށް އިސްރާއީލުގެ މަތިންދާ ބޯޓުތަކުން ވަރުގަދައަށް ބޮން އެޅުމުގެ ސަބަބުން 57 މީހުން މަރުވެ، އެތައްބަޔަކު ޒަޚަމްވެއްޖެއެވެ.

މިއީ، ސޫރިހާ ހަނގުރާމަ ފެށުނުފަހުން އެއްދުވަހެއްގައި ދެވުނު އެންމެ ވަރުގަދަ ހަމަލާކަމަށް މީޑިއާއިން ބުނެއެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސްއިން ބުނެފައިވަނީ، ސީރިއާގެ ދީރް އިޒޫރުން ފެށިގެން އިރާގު ސަރަހައްދީ އިމާ ހަމައަށް އިސްރާއީލުގެ ބޯޓުތަކުން ބޮން އަޅާފައިވާ ކަމަށެވެ.

އޮބްޒަވޭޓަރީން ބުނެފައިވަނީ، މި ހަމަލާތަކުގައި މަރުވެފައިވަނީ ސޫރިޔާ ސިފައިންގެ 14 މީހުންނާއި، ސީރިއާގައި އުޅޭ އިރާގު ހަނގުރާމަވެރިންގެ 16 މީހުންނާއި، ފާތިމީދް ބްރިގޭޑަށް ނިސްބަތްވާ އަފްޣާނިސްތާން ހަނގުރާމަވެރިންގެ 11 މެމްބަރުން ކަމަށެވެ.

މި ހަމަލާތަކުގައި އިތުރު 37 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް މޮނިޓަރިން ގްރޫޕުން ބުނެފައި ވެއެވެ.

އިސްރާއީލު ސިފައިން ބޮން އަޅާފައިވަނީ، ފާތިމީދް ބްރިގޭޑުން އިރާގު މަގުން ސީރިއާއަށް އެތެރެކުރި ހަތިޔާރު ރައްކާކޮށްފައި ހުރި ތަންތަނަށް ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސްއިން ބުނެފައި ވެއެވެ.

ނަމަވެސް، މިކަމާ ގުޅޭގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިން އެއްވެސް އެއްޗެއް ނުބުނެއެވެ. އަދި ސީރިއާ ސަރުކާރުންވެސް މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ނުބުނެއެވެ.

އިސްރާއީލުން 2018 ވަނަ އަހަރުވެސް ވަނީ މި ސަރަހައްދަށް ވައިގެ ހަމަލާތަކެއް ދީފައެވެ. އެފަހަރުގެ ހަމަލާތަކުގައި 55 މީހުން މަރުވިއިރު، އޭގެ ތެރޭގައި ހިމެމެނީ އިރާގު އަދި ސީރިއާ ސަރުކާރަށް ވަފާތެރި ހަނގުރާމަވެރިންނެވެ.