ބޭރު ގައުމުތަކުން ނަގާފައިވާ ލޯނުތަކަށް 2026 ވަނަ އަހަރު އެއްފަހަރާ ދައްކަން ޖެހޭ އެ ފައިސާ ދެއްކޭނެ ކަމަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ 8 ކެންޑިޑޭޓުން ވެސް ޔަގީންކަން ދެއްވައިފިއެވެ.

މިރޭގެ ބަހުސްގައި އިގްތިސާދީ ގޮތުން ހުށަހެޅުނު ދަރަނީގެ ސުވާލަށް ޖަވާބުދެއްވަމުން އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ ދިވެހިރާއްޖެއިން ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ދައްކަންޖެހޭ ދަރަނި ދެއްކުމަށް ގެންގުޅޭނެ ސިޔާސަތަކީ ރީފައިނޭންސް ކުރުން ކަމަށެވެ. ދަރަނީގެ ގޮތުގައި 2026 ގައި ރާއްޖެއިން ދައްކަންޖެހޭ އެއް ބިލިއަން ޑޮލަރު ދައްކާނެ ގޮތުގެ ޕްލޭނެއް އެބަ އޮތް ކަމަށާއި އެގޮތަކީ އޭގެ ދެބައިކުޅަ އެއްބައި ރީފައިނޭންސް ކުރުން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަން ޕީއެންސީގެ ކެންޑިޑޭޓު، ޑރ. މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ރިކަރަންޓު ހަރަދަކަށް އެމްއެމްއޭއިން ފައިސާ ނެގުމުގެ ބަދަލުގައި ސަރުކާރު ހަރަދުތައް ހަމަޖައްސާނީ ޓެކުސް ފައިސާއިން ކަމަށެވެ. އަދި ފައިސާ ޗާޕުކޮށްގެން ސަރުކާރުގެ ހަރަދުތައް ބެލެހެއްޓުން ނިމުމަކަށް ގެންނާނެ ކަމަށާއި އެކްސްޗޭންޖު ރޭޓު ވަކި ހަމައަކަށް ތިރިކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވީ ރާއްޖޭގެ ދައުލަތުން ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދެއްކުމަށްޓަކައި ގެންގުޅުއްވާ ސިޔާސަތަކީ ދައުލަތަށް ފައިސާ ވެއްދުމަށްޓަކައި އިތުރު ވިޔަފާރިތައް ހިންގުން ކަމަށާއި ދަރަނީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން 600 މިލިއަން ޑޮލަރު ގްރާންޓްގެ ގޮތުގައި ހޯއްދަވާނެ ކަމަށެވެ. އަދި އެ ފައިސާ ލިބޭނެކަމުގެ ޔަގީންކަން އޮތްކަމަށްވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ މިހާރު ޓެކުސް ނަގާ ދާއިރާތަކުގައި ހުރި ކަންތައްތައް ބަދަލުކޮށް އިސްލާހު ކުރައްވާނެ ކަމަށާއި ކޮރަޕްޝަނުގެ ތެރެއިން ދައުލަތުން ގެއްލިގެންދާ ފައިސާ އަނބުރާ ހޯއްދެވުމަށް އެފަދަ ދޮރުތައް ބަންދު ކުރައްވާނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުވެސް ވިދާޅުވީ އައު ޓެކުހެއް ތައާރަފް ނުކުރައްވާނެކަމަށާއި އެހެންނަމަވެސް ޓެކްސް ބޭސް އިތުރުކުރައްވާނެކަމަށެވެ. ރާއްޖޭގެ އާދައިގެ މީހުން އަތުން ނަގާ ޓެކުހަށް، ކަންމަތީ ފިހާރަތަކުގެ ޓެކުހަށް ހުއްޓުމެއް ގެންނަވާނެކަމަށް އިލްޔާސްވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ނާޒިމް ވެސް ވިދާޅުވީ އަލުން އައު ޓެކުހެއް ތައާރަފް ކުރެއްވުމެއް ނެތް ކަމަށެވެ.

އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓު އުމަރު ނަސީރު ވިދާޅުވީ، ރާއްޖޭގެ އިގުތިސާދު ހަމައެކަނި އެއް ކަމަކަށް ބަރޯސާވެފައި އޮތް އޮތުމަށް ނިމުމަކަށް ގެންނަން ހުށަހެޅިއިރު، ފާރިސް މައުމޫން ވިދާޅުވީ ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ޑިޖިޓަލް ކްރިއޭޓިވް ސެކްޓަރެއް ތައާރަފު ކުރައްވާނެ ކަމަށެވެ.