ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް މިއަދު ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ.

މީގެއިތުރުން އެ ސަމާލުގައި ވަނީ މިރޭ 12:30 އިން ފެށިގެން 18:30އާ ހަމައަށް ހއ.އަތޮޅުގެ ރަށްތަކުން ފެށިގެން ތ އަތޮޅުގެ ރަށްތަކާ ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެއްވޭ ކަމަށެވެ.

އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭކަށް ވައި ގަދަވެ, ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

މާދަމާގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ދެކުނަށްވެސް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވެއެވެ.