ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލަތުކުރާ ޖަމިއްޔާ، ޓޫރިޒަމް އެމްޕޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއިދު ކުރަން ނިންމައިފި އެވެ.
އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމަނިކުފާނުގެ ފަސް އަހަރު ފެނިގެން ދިޔާއީ މީގެ ކުރިން އެއްވެސް ދައުރެއްގައި ކޮށްފައި ނުވާ ވަރަށް ރިސޯޓުތަކުގެ މަސައްކަތްތެރީންގެ ހައްގުތައް ރައްކާތެރިކުރަން މަސައްކަތްކޮށް އެއްބާރުލުން ދީފައިވާ ފަސް އަހަރުގެ ގޮތުގައި ކަމަށެވެ.
އެގޮތުން މަސައްކަތްތެރީންގެ ބައިވެރިވުމާ އެކު މިނިމަމް ވޭޖް ކަނޑައެޅުމުގެ މުހިންމު ސިޔާސަތު ތަންފީޒުކޮށް ރިސޯޓުތަކުގެ މުވައްޒަފުންގެ މުސާރައަށް ބޮޑު ކުރިއެރުމެއް ލިބުނުކަން ވެސް ފާހަގަ ޓީމުންވަނީ ފާހަގަ ކުރައްވާފައެވެ. އަދި 10 ޕަސެންޓް ސާވިސް ޗާޖު ނެގުން ލާޒިމުކޮށް އެކަން މޮނިޓާ ކުރުމުގެ ނިޒާމު ހަރުދަނާކޮށް، ގާނޫނަށް އިސްލާހު ގެނެސް ގަވައިދު އެކުލަވާލިކަން ފާހަގަ ކޮށްފައި ވެއެވެ.
އަދި ޓީމްގެ ގިނަ މެމްބަރުން މި ދެންނެވި ކަންކަން ބަލައިގަންނަ ކަމާއި އަދި ކުރިއަށް މިއޮތް ދައުރުގައި ޓޫރިޒަމް ދާއިރާގެ މަސައްކަތް ތެރިންނަށް ހާއްސަކޮށް މުހިންމު ސިޔާސަތުތަކެއް އެކުލަވާލައިފައިވާތީ ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގައި ރައީސް ސާލިލިހަށް ތާއިދުކުރަން ނިންމާފައިވާ ކަމުގައި އެބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން ހަމައެއް ލަމައެއް ނެތި ކުރިން ވަޒީފާއިން ވަކިކުރުން ހުއްޓުވުމަށް ގާނޫނު އިސްލާހުކޮށް ގަވައިދު އެކުލަވާލައިފައިވާކަމަށް ފާހަގަކުރުމުގެ އިތުރުން ރިސޯޓު މުވައްޒަފުން އެދުނު ގޮތަށް ސްކޫލު ޗުއްޓީ ވެސް މި ސަރުކާރުން ބަދަލުކޮށްދިނުން ވެސް އެ ޖަމިއްޔާއިން ވަނީ ފާހަގަ ކުރައްވާފައެވެ.