ޔޫރަޕުގެ ފާމަސޫޓިކަލް އުފެއްދުންތައް އުފެއްދުމުގައި އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ އިނގިރޭސިވިލާތުގެ އެސްޓްރަޒެނެކާ ކުންފުނީގެ އުފެއްދުންތަކެއް އެސްޓީއޯ އިން ރާއްޖެ އަށް ތައާރަފުކޮށްފިއެވެ.
އެސްޓީއޯއިން އެސްޓްރާ ޒެނެކާގެ އުފެއްދުންތައް ތައާރަފްކޮށް އެކްސްލޫސިވް ޑިސްޓްރިބިއުޓަރކަން ހޯދާފައިވާކަން ފާހަގަކޮށް ކުރުނބާ މޯލްޑިވްސް އިއްޔެ ބޭއްވި ހަފްލާ ޝަފުވެރިކޮށްދެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު އަހުމަދު އާދިލްއެވެ.
އެސްޓްރާޒެނެކާއަކީ ފުޅާ ދާއިރާއެއްގައި ބޭހާއި ވެކްސިން އުފައްދާ ކުންފުންޏެވެ. ކޮވިޑްގެ ފަރުވާއަށް އެސްޓްރާޒެނިކާ ވެކްސިން ވެސް އުފެއްދީ އެކުންފުނިންނެވެ. އެސްޓްރަޒެނެކާގެ މި އުފެއްދުންތައް އެސްޓީއޯއިން ފޯރުކޮށްދެމުންދާނީ ރާއްޖޭގެ އެކްސްކުލޫސިވް ޑިސްޓްރިބިއުޓަރުގެ ގޮތުގައެވެ.
މިރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރ އަބްދުﷲ ސައީދު ވިދާޅުވީ އެސްޓްރަޒެނިކާގެ ނަމަކީ ކޮވިޑްގެ ތެރޭގައި މީހުންގެ ސިކުނޑީގައި އެ ނަމެއް ހަރުލި އިތުބާރު އޮތް ބްރޭންޑެއްކަމަށާއި އެސްޓްރާ ޒެނެކާގެ އެކްސްލޫސިވް ޑިސްޓްރިބިއުޓަރެއްގެ ހައިސިއްޔަތުން އެސްޓީއޯއަށް ބޭސް އުފައްދާ ސީދާ ކުންފުންޏާ ގުޅިގެން ހަރަދު ކުޑަކޮށް ބޭސް އެތެރެކުރެވި ދާއިމީ ބަލިތަކަށް އާއްމުކޮށް ބޭނުންކުރަންޖެހޭ ބޭސް ހުސްނުވެ ލިބޭނެކަމުގެ ޔަގީންކަން އިތުރުވެގެންދާނެ ކަމަށެވެ.
އެސްޓްރަޒެނެކާއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން ވަނީ ސާދަ ބޭހެއް އާސަންދައިގެ ދަށުން ކަވަރުކުރުމަށް ރަޖިސްޓްރީ ކޮށްފައެވެ. އޭގެ ތެރޭގައި ކެންސަރު، ގޭސްޓްރިކް، އަދި ހަކުރު ބަލި ފަދަ ބަލިތަކަށް ހާއްސަ ބޭސް ހިމެނެއެވެ.
އެސްޓީއޯގެ ފާހަގަ ކުރިގޮތުގައި، އެކުންފުނީގެ އަމާޒަކީ އިތުރު މެދުވެރިއަކާ ނުލައި ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް އުފައްދާ ސީދާ ކުންފުނިތަކުން ފެންވަރު ރަނގަޅު ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށް ފުޅާދާއިރާއެއްގައި ލިބޭނެ މަގު ފަހިކޮށްދިނުމެވެ. މިކަމުގެ ސަބަބުން ޑޮކްޓަރުން ބޭސް ލިޔެދިނުމުގައި ފެންވަރު ރަނގަޅު ބޭސް އިހްތިޔާރުކޮށް ދާއިރާ ފުޅާވެ ބަލި މީހާއަށް އަވަހަށް ނަތީޖާ ފެންނާނެފަދަ ގޮތަކަށް ފަރުވާ ލިބުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
އެސްޓީއޯއިން މިހާރުވެސް އަންނަނީ ރާއްޖެއަށް ބޭނުންވާ ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް އެތެރެކުރުމަށް 26 ކުންފުންޏަކާ އެކު އެއްބަސްވުން ހަދައި އެ ކުންފުނިތަކުން ރާއްޖެއަށް ބޭސް އެތެރެ ކުރަމުންނެވެ. މިއީ ރާއްޖެއަށް ރަނގަޅު ކޮލިޓީގެ ބޭސް އެތެރެކޮށް އާންމުކޮށް ބޭނުން ކުރާ ބޭސް ހުސްނުވެ ލިބޭނެ ކަމުގެ ޔަގީންކަން އިތުރުކުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބޭ މުހިންމު ބާރެއް ކަމަށް އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.