ވިނަރެސް ލިސްޓުގައި ނަން ހިމެނިފައިވާ ހުރިހާ ފަރާތްތަކުންވެސް ގެރެންޓާ ފޯމް، ގެރެންޓާ ކުރެޑިޓް ރިޕޯޓް އަދި ޕާސަނަލް ކުރެޑިޓް ރިޕޯޓް ހުށަހެޅުމުން ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ފުލެޓްގެ ތަޅުދަނޑި ހަވާލު ކުރެވިގެން ދާނެކަމަށް އާބަންކޯއިން ބުނެފިއެވެ.
މި ލިސްޓުގައި ހިމެނިފައިވާ އެއްވެސް ފަރާތެއް އުނި ނުވާނެ ގޮތްތަކެއް ހޯދައިދިނުމަށް، އާބަންކޯއިން 'ލީސް.ޓު.އޯން މޮޑެލް' ގައި ވިނަރެސް ފްލެޓް ގަތުމަށް މާލީ ގާބިލިއްޔަތުކަން ސާބިތުކޮށްދެވިފައި ނުވާ ފަރާތްތަކަށް މާލީ ގާބިލިއްޔަތުކަން ފުރިހަމަކުރުމުގެ އިތުރު ފުރުސަތެއް ހޯދައިދީ ލުއިތަކެއް މިހާރު ހޯދައިދެވިފައިވާނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.
އާމްދަނީ ސާބިތުކުރުމަށް ބޭނުންވާ އިތުރު ލިޔެކިޔުންތައް ހުށަހެޅުން، އެމްއެމްއޭގެ ކްރެޑިޓް ރިޕޯޓް ހުށަހަޅާފައި ނުވާ ފަރާތްތަކުން މި ރިޕޯޓް ހުށަހަޅެން، އެލިޖިބަލް އީއެމްއައި ސާބިތު ނުވާނަމަ، ފޯމު މެދުވެރިކޮށް ގެރެންޓާއެއް ހަމަޖެއްސުމުގެ ފުރުސަތު އަދި މިގޮތުން ގެރެންޓާގެ ކްރެޑިޓް ރިޕޯޓާއެކު އާއިލީ ގުޅުން ނެތް ފަރާތްތައްވެސް ހަމަޖެއްސުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި ކަމަށައި އަދި މިކަމުގައި ބޭނުންވާ ފޯމުތައް ފުރުމަށް އާބަންކޯގެ ޓީމްތަކުން އެހީތެރިވާނެ ކަމަށްވެސް އާބަންކޯއިން ވަނީ ހާމަކޮށްފައެވެ.
މިބަދަލު ގެނެސް ހުޅުވާލުމުގެ އެންމެ ބޮޑު ބޭނުމަކީ، ވީހާވެސް ގިނަ ފަރާތްތަކަށް ވިނަރެސް އެޕާޓްމަންޓްތައް ބައްލަވައިގަތުމުގެ ފުރުސަތު ފަހިކޮށްދީ، ބޯހިޔާވަހިކަން ކަށަވަރު ކުރުމަށް ކުރެވެމުން އަންނަ މަސައްކަތްތަކާއި ފުރުސަތުތައް ރައްޔިތުންނަށް ވީހާވެސް ފަސޭހައިން ހޯދޭނެ މަގު ފަހިކޮށްދިނުން ކަމުގައި އާބަންކޯއިން ވަނީ ބުނެފައެވެ.
ވިނަރެސް ހައުސިންގ މަޝްރޫއަކީ ސަރުކާރުން އެޗް.ޑީ.ސީއާ ގުޅިގެން ކުރިއަށްގެންދިޔަ މެދުފަންތީގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެކެވެ. 13 ބުރީގެ 10 ޓަވަރު ހިމެނޭހެން ތަރައްގީކޮށްފައިވާ ވިނަރެސް މަޝްރޫޢުގައި ޖުމްލަ 1344 ފްލެޓު ހިމެނެއެވެ. ވިނަރެސް މަޝްރޫއުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް އެޗް.ޑީ.ސީން އިޢުލާންކުރީ މިއަހަރުގެ ފެބްރުއަރީމަހުއެވެ. އަދި ވިނަރެސްއިން ފްލެޓް ލިބުނު މީހުންގެ އެގްރިމެންޓްގައި ސޮއިކުރުން ކުރިއަށްގެންދިޔައީ މިދިޔަ މަހުއެވެ.
ވިނަރެސް ފްލެޓްގެ އަގު އުޅެނީ 2.52 މިލިއަން ރުފިޔާއާއި 2.59 މިލިއަން ރުފިޔާއާ ދެމެދުގައެވެ. މި ފްލެޓްތަކަށް ދެ ގޮތަކަށް ފައިސާ ދެއްކުމުގެ ފުރުސަތު ދީފައިވެއެވެ. އެއީ އެއްފަހަރާ ފައިސާ ދައްކައިގެން ފްލެޓް ގަތުން ނުވަތަ 20-25 އަހަރަށް ބަހާލައިގެން މަހުން މަހަށް ފައިސާ ދައްކާ ނިންމާގޮތަށެވެ.
މިމަޝްރޫއުގައި މުޅިންވެސް ހިމެނެނީ 3 ކޮޓަރީގެ ފްލެޓްތަކެކެވެ. މިތަންތަން ޑިޒައިންކޮށްފައިވަނީ 4 ކޮންސެޕްޓަކަށެވެ. އެއީ އިނާ ވިއު، އައުޓާ ވިއު، މެރީނާ ވިއު އަދި ސްޓޭންޑާޑް ވިއު އެޕާޓްމަންޓްތަކެވެ. މެރީނާ ވިއު ފްލެޓްތަކުގައި ހިމެނެނީ 172 ފްލެޓެވެ. އައުޓާ ވިއުގައި 372 ފްލެޓް ހިމެނެއެވެ. އިނާ ވިއުގައި ހިމެނެނީ 352 ފްލެޓެވެ. އަދި ސްޓޭންޑާޑް ވިއުގައި 448 ފްލެޓް ހިމެނެއެވެ. ވިނަރެސްގެ ޔުނިޓްތައް ހަވާލުކުރަނީ ފިނިޝިން ހުރިހާ މަސައްކަތްތައް ނިންމުމަށްފަހުއެވެ.