މިއަހަރުގެ އަޟްހާ އީދު ދުވަހުގެ ފަތިހު މަޖީދީމަގު ރެޑްވޭވްއާ ހިސާބުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސީނިއާ ލެކްޗަރާ އަލީ ހަފީޒު، ރާއްޖެ އަތުވެއްޖެ ކަމަށާއި މިހާރު ހާލު ކުރިއަށްވުރެ ވަރަށް ބޮޑުތަން ރަނގަޅު ކަމަށް އާއިލާއިން ހާމަކޮށްފިއެވެ.

މިވަގުތު ހާލު ރަނގަޅުކަމަށާއި ނަމަވެސް ވަރަށް އަވަހަށް އަނެއްކާވެސް ރާއްޖެއިން ބޭރަށް ފުރަން ޖެހޭ ކަމަށް އާއިލާއިން ވަނީ ހާމަކޮށްފައެވެ.

ހަފީޒުގެ މިވަގުތުގެ ހާލާ ބެހޭ ގޮތުން އާއިލާއިން މައުލޫމާތު ހާމަކޮށްފައިވާ ގޮތުގައި ހަފީޒުގެ އަނގައިގައި ނަރުގަނޑު އަޅުވާފައި ހުރުމުންނާއިއެކު ގިނަ ވަގުތު ވާހަކަ ދެއްކުމަށް ދަތިއިރު، ހިނގާބިނގާވެ އުޅުއްވަނީ އަސާގެ އެހީ ބޭނުން ކުރައްވައިގެންނެވެ.

ހަފީޒު ވެންޓިލޭޓަރުން ނެގީ މިއަހަރުގެ ޖުލައި 17 ވަނަ ދުވަހުގައެވެ. ވެންޓިލޭޓަރުން ނެގުމަށްފަހު ފަރުވާ ދިނީ އެޗްޑީޔޫގައި ކަމަށާއި އިއްޔެރޭގެ ވަގުތެއްގައި ހަފީޒު ރާއްޖެ އައި ނަމަވެސް އަންނަ އޮކްޓޯބަރު މަސްތެރޭ އަނެއްކާވެސް ރާއްޖެއިން ބޭރަށް ފަރުވާއަށް ފުރާން ޖެހޭ ކަމުގައި އާއިލާއިން ވަނީ ބުނެފައެވެ.

އެކްސިޑެންޓުވި ދުވަހުން ފެށިގެން އޭނާއަށް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގައެވެ. އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު އޭނާ އިންޑިއާގެ ކޮޗިންއަށް ފުރުވާލިއެވެ.

ހަފީޒު ގައިގައި ޖެހުނު ސައިކަލް ދުއްވަން އިން މީހަކީ ރ. އިނގުރައިދޫ، ލެގޫން ވިއު، 22 އަހަރުގެ ޝަމްއާން އަބްދުއްޝުކޫރު އެވެ.