ފުލުހުންގެ ސެކިއުރެޓީ ކެމެރާތަކަށް ހުރަސް އެޅޭ ގޮތަށް ދަމާފައިވާ ކެމްޕޭން ބެނާތައް ފުލުހުން ނަގަން ފަށައިފިއެވެ.

ފުލުހުން ވަނީ ރޭގައި އެކި ސަރަހައްދު ތަކުގައި ދަމާފައިވާ ބެނާތައް ނަގާފައެވެ.އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގެ ކުރިމަތީގައި ދަމާފައިވާ ޕީޕީއެމްގެ ދިދަތަކާއި ބެނާތައް ނަގާފައިވެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ފޯރި ވެރިރަށް މާލޭ ސަރަހައްދުގައިވެސް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، އާންމު ތަންތަނާއި، އަމިއްލަ މީހުންގެ އިމާރާތްތަކުގައި، ކެމްޕޭން މެޓީރިއަލްސް ދެމުން، ހަރުކުރުން ނުވަތަ ތަތްކުރުމުގެ ކުރިން ކައުންސިލްތަކުން ނުވަތަ އެ އިމާރާތެއްގެ ވެރިފަރާތުގެ ހުއްދަ ހޯއްދެވުމަށްވެސް އީސީއިން ވަނީ ކެންޑިޑޭޓުންނަށާއި ޕާޓީތަކަށް އިލްތިމާސްކުރައްވާފައެވެ.

މީގެއިތުރުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިދިޔަ މަހުގެ 28 ވަނަ ދުވަހު ވަނީ މާލޭ މަގުތަކުގައި ހުރި ސެކިއުރިޓީ ކެމެރާތަކާއި ޓްރެފިކް ލައިޓްތަކުގެ ވިއު ގެއްލޭ ގޮތަށް ހަރުކޮށްފައިވާ ރިޔާސީ ކެންޑިޑޭޓުންގެ ކެމްޕޭން މެޓީރިއަލްސް 24 ގަޑިއިރުގެ ތެރޭގައި ނެގުމަށް އެދިފައެވެ.ނަމަވެސް އެއްވެސް ޕާޓީއަކުން އެއްވެސް ބެނާތަކެއް ނަގާފައި ނުވެއެވެ.