އެމްއެމްޕީއާރުސީ މައްސަލާގައި މުވައްޒަފުންގެ ބައިވެރިވުން އޮތްކަމަށް އޮޑިޓަކުން ފާހަގައެއް ނުކުރެވޭ – ބީއެމްއެލް

0
އެމްއެމްޕީއާރުސީ މައްސަލާގައި ބޭންކުގެ މުވައްޒަފުން ބައިވެރި ނުވާކަމަށް އެ ބޭންކުން ބުނޭ

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭ އެއްވެސް ބާވަތެއްގެ އަމަލެއްގައި ބެންކުގެ މުވައްޒަފުން ޝާމިލްވާ ކަމަށް މިހާތަނަށް ހެދި އެއްވެސް އޮޑިޓެއްގައި ފާހަގަކޮށްފައިނުވާ ކަމަށް ބޭންކު އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

އެކުންފުނިން މިހެން ބުނީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގައި ހިމެނޭ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާވެފައިވާ މައްސަލާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 38 މުވައްޒަފެއްގެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފައި ވަނިކޮށް ނެރުނު ނޫސްބަޔާނެއްގައެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކަކީ ގާނުނާއި ގަވާއިދުތަކާ އަދި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް ހިންގަމުން އަންނަ ބެންކެއް ކަމަށެވެ. އަދި ގަވާއިދުތަކާއި އުސޫލުތަކުގެ އިތުރަށް ހަރުދަނާ އިންޓާނަލް ކޮންޓްރޯލްތައް ވަނީ ބެންކުގައި ގާއިމުކުރެވިފައި ކަމަށެވެ. ބެންކުގެ މުވައްޒަފުން އަމަލުކުރަމުންދަނީ މި ކަނޑައެޅިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިންތޯ ބަލައި ޒިންމާދާރުކުރެވޭނެ އިންތިޒާމުތައް ގާއިމްކުރެވިފައިވާ ކަމަށެވެ.

Advertisement

ބީއެލްއެލްއިން ބުނީ އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅިގެން ބެންކުން ހެދި އިންޓާނަލް އޮޑިޓްގެ އިތުރަށް އެމްއެމްއޭ އަދި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ކުރިއަށް ގެންދިޔަ އޮޑިޓްތަކަށްފަހު ޔަގީންވެފައިވާ ގޮތުގައި ބެންކުން އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭ އެއްވެސް ބާވަތެއްގެ އަމަލެއްގައި ބެންކުގެ މުވައްޒަފުން ޝާމިލްވާ ކަމަށް ފާހަގަކޮށްފައިނުވާ ކަމަށެވެ. މިއިން އެއްވެސް އޮޑިޓަކުން ބެންކުން މި މުއާމަލާތްތައް ހިންގުމުގައި ގާނޫނާއި ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ވެސް ފާހަގަކޮށްފައި ނުވާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ މައްސަލައަކީ މިހާރު ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ މިކަމާ ގުޅޭ މައުލޫމާތު ހިއްސާކުރުމަކީ ބެންކުގެ އުސޫލެއް ނޫން ކަމަށެވެ. އެކަމަކު ފުރިހަމަނުވާ ތަހުގީގާ ގުޅޭ ގޮތުން އިއްޔެ އާންމުކުރެވިގެންދިޔަ މައުލޫމާތަށް ބަލާއިރު އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގައި ބެންކުގެ މުވައްޒަފުންތަކެއް ޝާމިލްވެފައިވާ ކަމަށް ދޭހަވާގޮތަށް ވަނީ ހާމަކޮށްފައި ކަމަށެވެ.

“މިކަމުގައި މި ބޭންކުން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރަމުން ދަނިކޮށް، އަދި ތަހުގީގު ކުރިއަށް ދަނިކޮށް މިފަދަ ހަގީގަތާ ޚިލާފު ވާހަކަތައް ދެއްކުން، މި ބޭންކުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. މިފަދަ ހަގީގަތާ ޚިލާފު ތުހުމަތުތަކުން ބޭންކުގެ ކުރިއެރުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅި، ބޭންކުން އެބަޔަކަށް ބަރޯސާވާ ބައިނަލްއަގުވާމީ ބޭންކުތަކުން ކުރާ އިތުބާރު ގެއްލި އޭގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށާއި ވިޔަފާރީގެ މުއާމަލާތްތައް ކުރައްވާ ހުރިހާ ރައްޔިތުންނަށް ނޭދެވޭ އަސަރު ކުރާނެ ވާހަކަވެސް މި ފުރުސަތުގައި ފާހަގަކުރަމެވެ” ބީއެމްއެލްގެ ބަޔާނުގައި ވެއެވެ.

އެމްއެމްޕީއާރުސީގެ ނަމުގައި އެކި ފަރާތްތަކުން ދޫކޮށްފައިވާ ޗެކުތައް އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްފައިވަނީ އެ ޗެކުތައް އެންޑޯސްކޮށް، އެސްއޯއެފްގެ އެކައުންތަށް ޖަމާކުރުމަށް ބެންކަށް ހުށަހެޅުމުން ކަމަށެވެ. މިގޮތުން މި ޗެކުތައް ޖަމާކުރުމުގައި ބެންކުން އަމަލުކޮށްފައިވަނީ ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާ ބެހޭ ގާނޫނާ އެއްގޮތަށް ކަމަށެވެ. އަދި މި ގާނޫނުނަށް އަމަލުކުރަން ފެށި ފަހުން ބެންކަށް އެންޑޯސްކޮށްގެން ޖަމާކުރަން ހުށަހަޅާ ހުރިހާ ޗެކުތަކަށް ވެސް އަމަލުކުރާ އުސޫލުން އެމްއެމްޕީއާރުސީގެ ޗެކުތައް ވަކި ތަފާތުކުރުމެއް ނެތި ކަމަށެވެ. ރާއްޖޭގެ އެހެނިހެން ބެންކުތަކުން ވެސް އެންޑޯސްކޮށްފައިވާ ޗެކުތައް ޖަމާކުރާ އުސޫލުން ގާނޫނާއި ގަވއިދުތަކާ އެއްގޮތަށް ކަމަށެވެ. މިމައްސަލައާ ގުޅޭގޮތުން ވަރަށް ތަފުސީލުކޮށް މިއަހަރުގެ ފެބްރުއަރީ 17 ވަަނަ ދުވަހު ބެންކުން ވާނީ ނޫސްބަޔާނެއް ނެރެފައިކަން ވެސް ފާހަގަކޮށްފައި ވެއެވެ.

ބީއެމްއެލްއިން ބުނީ އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅިގެން ކުރާ ތަހުގީގުތަކަށް ކުރިއަށް އޮތް ތަނުގައި ވެސް ބެންކުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ބެންކުން އެދެނީ ވީހާވެސް އަވަހަަކަށް ތަހުގީގު ނިންމައި ބެންކުގެ ބައިވެރިވުން މި ޚިޔާނާތުގައިވާ ކަމަށް ދެކެވޭ ވާހަކައަށް ނިމުމެއް އައުން ކަމަށް ވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރުސީ މައްސަލާގައި ބީއެމްއެލްގެ މުވައްޒަފުންތަކަކަށް ތުހުމަތުކުރެވޭތީ އެމައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް އޭސީސީން ހާމަކުރުމުން ބީއެލްއެމްއެލް އިން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ބަޔާނެއް ނެރެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ ތަހުގީގުކުރުމުގެ ތެރެއިން ބީއެމްއެލް އިން މި މައްސަލާގައި ޝާމިލްވަނީ ކިހާވަރަަކަށްތޯ މިހާރު ބަލަމުން ގެންދާ ކަމަށެވެ.

މުއައްވިޒު ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ އެންޑޯސްވެގެން އެހެން އެކައުންޓަކަށް ޖަމާވެފައިވަނީ ކަނޑައެޅިފައިވާ އުސޫލާ ޚިލާފަށް ކަމަށެވެ. އެގޮތުން ދެފަރާތެއްގެ އެންޑޯސްމެންޓެއް ނެތި ޗެކްތައް ޖަމާނުކުރެވޭގޮތަށް އޮތް ކަމުގައި ވީނަމަވެސް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ ސޮއި އެކަނި އޮވެގެން ވަރަށް ގިނަ ޗެކްތަކެއް އެންޑޯސް ކޮށްފައިވާ ކަމަށެވެ.

މުއައްވިޒް ވިދާޅުވި މިމައްސަލާގައި މިހާތަނަށް 38 މުވައްޒަފަކަށް ތުހުމަތުކުރެވިގެން އެމީހުންގެ ބަޔާންތައް ނަގަމުން އަންނަ ކަމަށެވެ. ބީއެމްއެލްގެ އެންމެ އާދައިގެ މުވައްޒަފުން ފެށިގެން ބީއެމްއެލްގެ ބޯޑާއި މެނޭޖްމަންޓްގެ އިސްވެރިންވެސް މިކަމުގައި ހިމެނޭ ކަަމަށްވެސް އޭސީސީ އިން ބުނެއެވެ. އެސްއޯއެފްގެ އެކައުންޓަށް ބީއެމްއެލްއިން އެމްއެމްޕީއާރުސީ މައްސަލައާއި ގުޅޭ ޗެކުތައް އެންޑޯސްނުކޮށް ޖަމާކޮށްފައިވާ ކަމަށް މީގެ ކުރިންވެސް އޭސީސީން ވަނީ ތުހުމަތުކޮށްފައެވެ.

Advertisements