މާލޭރަތްވިލާގޯޅީގައި ހުންނަ ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި ރޯވެފައި ވަނީ ރަތްވިލާގޯޅީގައި ހުންނަ "ވެގަ ޕޮއިންޓް" ފިހާރައިގައެވެ.

އަލިފާނުގެ މި ހާދިސާ ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާފައިޓަރުން ހަރަކާތްތެރިވެ ނިއްވުމުގައި ކާމިޔާބު ވީނަމަވެސް މިހާދިސާގައި ފިހާރަ ވަނީ އަނދައިހުލިވެފައެވެ.

މި ހާދިސާ ހިނގާފައި ވަނީ ރޭ ފަތިހު 04:37 ހާއިރު ކަމަށް އެ އިދާރާއިން ބުނެފައި ވާއިރު މިހާރު އަލިފާން ކޮންޓްރޯލް ކުރެވިފައިވާ ކަމަށްވެސް އެފަރާތުން ވަނީ ހާމަކޮށްފައެވެ.

އަލިފާނުގެ ހާދިސާގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، މިހާރު އަލިފާންގަނޑު ވަނީ އެއްކޮށް ކޮންޓްރޯލް ކުރެވިފައެވެ. ފިހާރައިގައި ހުރި ހުރިހާ މުދަލެއް އަނދާފައިވާކަމަށާއި ފިހާރަ ކައިރީގައި ޕާކުކޮށްފައި ހުރި ފަނަރަ ވަރަކަށް ސައިލަކު ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ވާކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވާން ދިމާވި ސަބަބު އަދި ނޭނގެ ކަމަށެވެ. މިހާދިސާގައި މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ފުލުހުން މިކަމާ ގުޅިގެން މައުލޫމާތު ދީފައިވާ ގޮތުގައި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވި ނަމަވެސް ދުމުގެ އަސަރުކޮށްގެން އުމުރުން ދުވަސްވީމީހެއްގެ ހާލު ދެރަވި ކަމަށާއި އެމީހާއަށް އަވަސްފަރުވާ ދިނުމަށް އޭޑީކޭއަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.