މަނީ ލޯންޑާ ކުރަން ބޭނުންވާ މީހަކު ރާއްޖޭގެ ބޭންކުތައް ބޭނުންކޮށްގެން އެފަދަކަމެއް ނުކުރާނެކަމަށް ޕީޕީއެމް/ޕިއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ވ.އާރަށް ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލުކުރުމާއި ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ ލޯންޑާކުރެއްވިކަން ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އަދި އެ މައްސަލައިގައި ރިޝްވަތު ދެއްވިކަމުގެ ކުށް ސާބިތުވެ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައެވެ.

އެ ދެ ބޭފުޅުންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ އެ މައްސަލައިގެ އަޑުއެހުމެއް ބާއްވައިފައެވެ. މިއަދުގެ އަޑުއެހުމަކީ އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމަށް ބޭއްވި އަޑުއެހުމެކެވެ. މަނީ ލޯންޑަރިންގެ ކުށުގެ އިސްތިއުނާފީ ނުކުތާގެ ގޮތުގައި 12 ނުކުތާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ އިސްތިއުނާފީ ނުކުތާގެ ގޮތުގައި ޔާމީންގެ ފަރާތުން ވަނީ 13 ނުކުތާއެއް ހުށަހަޅައިފައެވެ. އެ ނުކުތާތަކުގެ ތެރެއިން ޔާމީންގެ ފަރާތުން މައިގަނޑު ގޮތެއްގައި ވާހަކަ ދައްކާފައިވަނީ ތިން ނުކުތާއަކަށެވެ.

ޔާމީން ވިދާޅުވީ އެ މައްސަލާގައި ލިބިވަޑައިގަތް ފައިސާ ހޮންކޮންގް އެންޑް ޝަންގްހާއީ ބޭންކް (އެޗްއެސްބީސީ) ގެ އެކައުންޓެއްގައި ބެހެއްޓުމަށްފަހު އެ ބޭންކް ބަންދު ކުރަން ނިންމުމުން އިސްލާމިކް ބޭންކްގެ އެކައުންޓަކަށް ޖަމާ ކުރުމަކީ ފައިސާ ލޯންޑާ ކުރުން ނޫން ކަމަށެވެ. އަދި މީހަކު އޭނާގެ އެއް އެކައުންޓުން އަނެއް އެކައުންޓަށް ޖަމާ ކުރުމަކީ ފައިސާގެ އަސްލު އޮޅުވާލުން ނޫން ކަމަށާއި އަދި އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި ފައިސާ އަދިވެސް ބޭންކުގައި ހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޔާމީން މިއަދު ވިދާޅުވީ، ރާއްޖޭގެ ބޭންކިން ނިޒާމަކީ މައުލޫމާތު އެއްވެސް ވަރަކަށް ރައްކާތެރިކޮށްދޭ ގޮތަކަށް ބައްޓަން ކޮށްފައިވާ ނިޒާމެއް ނޫން ކަމަށެވެ. ފުލުހުން ބޭނުންވާ އިރަށް، ކޯޓު އަމުރެއް ނެތިވެސް ބޭންކު އެކައުންޓުގެ މައުލޫމާތު ބޭންކުތަކުން ހޯދާކަމަށް ޔާމީން ވިދާޅުވިއެވެ.

"އެހެންވީމާ ދިވެހިރާއްޖޭގަ މަނީ ލޯންޑާކުރަން ބޭނުންވާ މީހަކު ހަގީގަތުގައި ދިވެހިރާއްޖޭގެ އެކައުންޓަކަށް ފައިސާއެއް ނުލާނެ. ބޭންކަކަށް ފައިސާއެއް ނުލާނެ. މަނީ ލޯންޑާ ކުރެވެނީ ހަގީގަތުގަ ކޮންސީލްމެންޓު މި އަންނަނީ ކޮންސީލްކުރާއިރު އެކަން ބަލާ ބައެއްގެ ތަހުގީގީ ނަޒަރަކުން ނޫނިއްޔާ ޝަރީއަތުގެ އެކަން ފައިސަލާ ކުރައްވާ ފަނޑިޔާރުން ވިސްނަވާ. ހަގީގަތުގަ މީތި ކޮންސީޑުވޭ ހެއްޔޭ. ކޮންސީލް ކުރެވެނީ ބޭންކިން ސީކްރެސީ ހުންނަ ތަންތަނުގަ. ބޭންކުގެ މައުލޫމާތު ނުލިބޭ ތަންތަނުގަ. އެއީ ތަހުގީގީ އިދާރާއަކުން އެދުނަސް އަދި އެހެން ގައުމެއްގެ ސަރުކާރުން އެދުނަސް އެ ބޭންކުތަކުންނެއް އެ މައުލޫމާތެއް ނުދޭނެ. އެކަހަލަ ތަންތަނަށް މަނީ ޝިފްޓު ކުރަނީ،"
ޔާމީން

ރައީސް ޔާމީން ވިދާޅުވީ އާރަށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ރައީސް އޮފީހުން ފޮނުވި ސިޓީގައި ވެސް ޔޫސުފް ނައީމްގެ ކުންފުންޏަށް ދޭން އަންގާފައި ނުވާ ކަމަށެވެ. އެހެންވެ، އެރަށް ޔޫސުފް ނައީމަށް ލިބުމާއި އެމަނިކުފާނަށް ލިބިވަޑައިގަތް ފައިސާއާ ނުގުޅުވޭނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ އެ މުއާމަލާތް ހިނގިއިރު ޕީޕީއެމްގެ ރައީސަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށާއި އެހެންވެ، އެ ޕާޓީގެ ފައިސާއާ ގުޅޭ ކަންކަމުގައި އޭރު އެމަނިކުފާނުގެ ދައުރެއް ނެތް ކަމަށެވެ. އަދި އެމަނިކުފާނަށް ލިބިވަޑައިގަތް ފައިސާއަކީ ސިޔާސީ ކެމްޕެއިނަށް ހޯއްދެވި ފައިސާއެއް ކަމަށް ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، ޔޫސުފް ނައީމުގެ ފަރާތުން ލިބުނު އެއް މިލިއަން ޑޮލަރަކީ ވިޔަފާރީގެ މުއާމަލާތެއް ކަމަށެވެ. އެއް މިލިއަން ޑޮލަރަށް ވާ ވަރަށް ނަގުދު ދިވެހި ފައިސާ ހުރިކަން މައްސަލައިގެ ތަހުގީގު ތެރެއިން ލިޔެކިޔުމާއެކު ސާބިތުކޮށްދީފައިވާނެ ކަމަށާއި އެކަން ކުރީ އިސްވެ ބޭނުންވެގެން ކަމަށާއ ތަހުގީގު ކުރާ ފަރާތްތަކުން އެދިގެން ނޫންކަމަށް ޔާމީން ވިދާޅުވިއެވެ. ޝަރީއަތުގެ މަރުހަލާގައި އެކަމާ ގުޅޭ އެއްވެސް ވާހަކައެއް ދައުލަތުން ނުދައްކަވައި ހުލާސާ ބަޔާނުގައި "އަޅުގަނޑު މާލީ ހާލަތު ނެތްކަމަށް" ބުނުމުން، އެއަށް ރައްދު ދީފައިވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ނަމަވެސް ކުރިމިނަލް ކޯޓުން ބުރަދަން ދީފައިވަނީ ހަމައެކަނި ދައުލަތުގެ ވާހަކަތަކަށް ކަމަށް ޔާމީން ވިދާޅުވިއެވެ. ހަމައެކަނި ދައުލަތުގެ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ކުރިމިނަލް ކޯޓުން ގޮތެއް ނިންމީ ގާނޫނާހިލާފަށް ކަމަށް ޔާމީން ވިދާޅުވިއެވެ.

ޕީޕީއެމްއަށް އެކި ފަރާތްތަކުން ހަދިޔާކުރާ ފައިސާގެ އިތުރުން އެ މަނިކުފާނަށް ވެސް ވިޔަފާރިވެރިން ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކުރާކަމަށް ޔާމީން ވިދާޅުވިއެވެ.