ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ މެމްބަރަކަށް ވެގެން މަޝްހޫރު ސޮލައިޓް ރެސްޓޯރަންޓުން %15 ޑިސްކައުންޓް ލިބޭނެ ކަމަށް އެކްލަބުގެ މެނޭޖްމަންޓުން ބުނެފިއެވެ.
ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބް ކަމުގައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އޮފިޝަލަކު "ހަލިނިއުސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ނިއުރޭޑިއަންޓުން ކްލަބުގެ އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައި ކްލަބުގެ މެމްބަރުންނަށް އަމާޒުކޮށް 3 ކެޓަގަރީއެއްގެ މެމްބަރޝިޕް ތައާރަފް ކޮށްފައިވާނެ ކަމަށެވެ.
"ނިއުރޭޑިއަންޓުގެ މެމްބަރޝިޕް ކާޑް ދައްކާލުމުން މިހާރު ސޮލައިޓުން %15 ޑިސްކައުންޓް ލިބޭނެ. މީގެ އިތުރުން މަޖީދީމަގު ވަރަށް ގިނަ ފިހާރަތަކުން ނިއުގެ މެމްބަރޝިޕް ކާޑް ދައްކާލުމުން ޑިސްކައުންޓް ލިބޭނެ. އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ އޮބިއޮން މެދުވެރިކޮށް މެމްބަރުންނަށް ޑިސްކައުންޓް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް" ނިއުގެ އޮފިޝަލް ވިދާޅުވިއެވެ.
ނިއުއިން ތައާރަފް ކޮށްފައި ވަނީ ގޯލްޑް، ބްލޫ އަދި ވައިޓް މެމްބަރޝިޕެވެ. މީގެ ތެރެއިން ގޯލްޑް މެމްބަރުންނަކީ ކޮންމެ މަހަކު 1000 ރުފިޔާ ދައްކަން ޖެހޭ މެމްބަރުންނެވެ. ގޯލްޑް މެމްބަރުންނަށް ލިބިދޭ ބާރުތަކުގެ ތެެރޭގައި ކްލަބުގެ ކޯޗާއި މެދު ހިތްހަމަ ނުޖެހިއްޖެނަމަ ޕެޓިޝަނެއް ސިފައިގައި ކްލަބުގެ ބޯޑަށް ހުށަހެޅުމުގެ ބާރު ލިބެއެވެ. "ގޯލްޑް މެމްބަރަކަށް މިވެވެނީ މަހަކު އެއްހާސް ރުފިޔާ ދައްކައިގެން. ގޯލްޑް މެމްބަރުން މެޗް ބަލަން ތިބޭނީ ކްލަބަށް ލިބޭ ވީއައިޕީ އޭރިޔާ ތެރޭގައި" ނިއުގެ އޮފިޝަލް ވިދާޅުވިއެވެ.
"ނިއުގެ ފޭސްބުކް ޕޭޖުގައި އެކަނިވެސް އެބަތިބި ފަންސާސްހާސް މެމްބަރުން. އަޅުގަނޑުމެން މިއެދެނީ މަހަކު 150 ރުފިޔާ ވިޔަސް ކްލަބަށް ދެއްވާށޭ (ވައިޓް މެމްބަރަކަށް ވެގެން). އެއީ ކޮފީ ބޯންވެސް މިހާރު މަހަކު ސަތޭކަ ފަންސާހަށްވުރެ ގިނަ ރުފިޔާ އަޅުގަނޑުމެން ތެރެއިން ގިނަ މީހުން ޚަރަދު ކުރާނެ ކޮންމެ މަހަކު. އަޅުގަނޑުމެން ބޭނުން ވަނީ ނިއުރޭޑިއަންޓަކީ ކްލަބުގެ މެމްބަރުން ހިންގާ، މެމްބަރުން ބަސްކިޔާ ކްލަބަކަށް ނިއު ހަދަން" އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ "ބްލޫ މެމްބަރޝިޕް" ހޯދާ ސަޕޯޓަރުންނަށް ކްލަބުގެ މަގާމްތަކަށް ވާދަ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށާއި ބްލޫ މެމްބަރުން މަހަކު ދައްކަވަން ޖެހެނީ 500 ރުފިޔާ ކަމަށެވެ. އަދި ވައިޓް މެމްބަރުން މަހަކު ދައްކަން ޖެހެނީ 150 ރުފިޔާއެވެ. ވައިޓް މެމްބަރުންނަށްވެސް ކްލަބުގެ އިންތިހާބުގައި ވޯޓް ދިނުމުގެ ފުރުސަތު ލިބިގެންދެއެވެ.
ނިއުރޭޑިއަންޓުން މިހާރު ތައްޔާރު ވަމުން ދަނީ ދެވަނަ ޑިވިޜަނުގައި ވާދަކޮށް އެނބުރި ފުރަތަމަ ޑިވިޜަނަށް އެރުމަށެވެ.