ޕްރޮފެސަރު ހަސަން އުގައިލްގެ ތާއީދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް އޮތްކަން ހާމަކުރައްވައިފިއެވެ.
ޕްރޮފެސަރު އުގެއިލް މިކަން ހާމަކުރައްވާފައި ވަނީ ފޭސްބުކުގައި ކުރެއްވި ޕޯސްޓަކުންނެވެ.
އެފްބީ އޮފިޝަލްޕޭޖުގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އުގައިލް ވިދާޅުވީ މި ސަރުކާރުން ސުލްހަވެރިކަމާ އަމާންކަމާއެކު އެތައް މަޝްރޫއެއް ފަށައިގެން ކުރިއަށް ގެންދާކަމަށެވެ. އެހެންކަމުން މި ސަރުކާރު ބަދަލުކުރަން ޖެހޭ ސަބަބެއް އޮތްކަމަށްދެކެވަޑައި ނުގަންނަވާ ކަމަށް އުގެއިލް ވަނީ ވިދާޅުވެފައެވެ. ގައުމަށް އެންމެ ފައިދާހުރި ގޮތަކީ ރައީސަށް އިތުރު ދައުރެއް ދީގެން ކަމަށް ވެސް އުގެއިލް ވަނީ ހާމަކުރައްވާފައެވެ.
ސަރުކާރު ބަދަލުވުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއްކަމަށް ސިފަކޮށް އުގެއިލު ވިދާޅުވީ އެހެން ވެއްޖެނަމަ، މިހާރު ފަށައިގެން ކުރިއަށް ގެންދާ މަޝްރޫއުތައް ހުއްޓި ފިޔަވަޅުތަކެއް ފަހަތަށް އެޅޭނެ ކަމަށެވެ. އަދި މިއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެއް ކަމަށްވެސް އުގައިލް ވަނީ ފާހަގަކުރައްވާފައެވެ.
އެހެނީ ގަސްދުގައި ނުކުރެއްވިއްޔަސް، ސަރުކާރު ބަދަލުވެ އައު ސަރުކާރެއް އައުމުން މަޝްރޫއުތައް ހުއްޓުމަކީ ތަބީއީ އާދައެއް ކަމަށް އުގެއިލް ވަނީ ވިދާޅުވެފައެވެ. އެހެންކަމަށްވުމާއެކު ތާއީދު ކުރާ ގޮތަކީ ނުހުއްޓި ރައީސް ސާލިހާ އެކުގައި ކުރިއަށް ދިއުން ކަމަށްވެސް އުގެއިލް ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިން ސިޔާސީ ދާއިރާއަށް ޝައުގުވެރި ވާކަން ހާމަކުރައްވާފައިވާ ޕްރޮފެސަރު އުގެއިލު މި އިންތިހާބުގައި އޭނާ ވާދަކުރައްވާނެ ކަމުގެ އަޑުތަކެއް ވެސް މީގެ ކުރިން ފެތުރުނެވެ.
ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޕްރޮފެސަރު އުގައިލަކީ ސައިންސްގެ ރޮނގުން ޕްރޮފެސަރުކަން ހާސިލްކުރެއްވި ފުރަތަމަ ދިވެއްސެވެ. އައްޑޫ އާއި މާލެއިން ތައުލީމު ހާސިލުކުރެއްވުމަށް ފަހު އިންގްލޭންޑު ފަދަ ގައުމުތަކުން އުގެއިލު ވަނީ ތައުލީމު ހާސިލު ކުރައްވާފައެވެ.