ހުރިހާ ކަމެއްގެ މައްޗަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިސްކުރައްވަނީ ކެތްތެރިކަން ކަމަށް އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.
ފަޒްނާ އަހުމަދު މިހެން ވިދާޅުވީ، ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ރައީސް ސާލިހުގެ މިޒާޖުފުޅުތަކުގެ ތެރެއިން ކޯފާ އިސްކުރެއްވުމާ ބެހޭގޮތުން ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ފަޒުނާ ވިދާޅުވީ ރައީސް ސާލިހަކީވެސް ހަމަ އިންސާނެއްކަމަށްވީތީ ހުރިހާ އިހުސާސެއްވެސް ހުންނަވާނެ ކަމަށާއި ކޯފާވެސްވާނެކަމަށެވެ.
އެހެން ނަމަވެސް އަންނަ ހުރިހާ ރުޅިއަކާއި ދިމާވާ ހުރިހާ ކަމެއްގައި އިބޫ އިސް ކުރައްވަނީ ކެތްތެރިކަން ކަމަށް ފަޒްނާ ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ހުރިހާ ރުޅިއެއްވެސް، އިބޫއާ އެ ދިމާވާ އިމްތިހާންތަކުގައި އިބޫ އިސްކުރައްވަނީ ކެތްތެރިކަން، އެހެންވީމާ މީހުންނަށް އެ ސިފަތައް އެ ނުފެންނަނީ،" ފަޒުނާ ވިދާޅުވިއެވެ.
ސިޔާސީ ހިޔާޅުތަފާތުވުންތަކުގެ ތެރެއިން ފަޒްނާގެ އާއިލާ ދެބައިވެ، އެއް ބަޔަކު ރައީސް ސާލިހާ ދެކޮޅަށް ނުކުމެ، އެމަނިކުފާނަށް ކިޔަމުން ދިޔަ ފާޑުވިދާޅުވުންތަކާ ގުޅިގެން ފަޒްނާ ވިދާޅުވީ، "އެއީ ދިމާވި އުނދަގޫކަމެއް، ދެން އަޅުގަނޑު ހަދަން ފެށި ގޮތަކީ އެއްވެސް އެއްޗެއް އަޑުނާހަން ފެށީ، އަޅުގަނޑު ރައްޓެއްސަކު އޭގެ އެއްޗެއް ފޮނުވިޔަސް އަޅުގަނޑު ދަންނަވަން އަޅުގަނޑަށް ތި އެއްޗެހި ނުފޮނުވާށޭ، ބަލާކަށް ބޭނުމެއް ނޫން" ކަމަށެވެ.
ފަޒްނާ ވިދާޅުވީ، އެއިން އެއްވެސް އެއްޗަކަށް އެ ދެމަފިރިކަނބަލުންވެސް ރައްދު ނުދެއްވާ ކަމަށާއި، އެކަން ކުރި މީހުންނަށް އެއްޗެއް ކިޔަން ބޭނުންވެސް ނުވި ކަމަށެވެ. އަދި މީހުންނަށް އެއްޗެހި ގޮވުމަކީ، ރައީސް ސާލިހުގެ ހުންނަ ސިފައެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
"ދެން އަޅުގަނޑު ބޭނުމެއް ނުވޭ އަޅުގަނޑެއްވެސް، ރައީސެއްވެސް، އަދި އަޅުގަނޑުގެ ދެ ދަރިންނެއްވެސް އެބޭފުޅުންނާ ދިމާލަށް އެއްވެސް، އެއާ ވިއްދައިގެން އެއްޗެއް ކިޔާކަށެއް، އެހެންވީމަ އަޅުގަނޑުމެން ހެދީ އެހެން، ތެދު ތެދަށް ދަންނަވަނީނަމަ އެ ވާހަކަތަކެއް ގޭތެރެއަކު އަޅުގަނޑުމެން ނުދަންނަވަން،"
ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ދައުރުގައި ރައީސް އެންމެ ކަންބޮޑުވެ ވަޑައިގެން އުޅުއްވީ ކޮން ކަމަކާ ގުޅިގެންތޯ ކުރެއްވި ސުވާލާ ގުޅިގެން މެޑަމް ފަޒްނާ ވިދާޅުވީ، އެފަދަ ދެ ކަމެއް ކުރިމަތިވެ ވަޑައިގެންނެވި ކަމަށާއި، އެއްކަމަކީ މޯލްޑިވިއަންގެ ފުލައިޓެއް ނުޖެއްސިގެން އުޅުނު މައްސަލައެއް ކަމަށާއި، ދެން ދިމާވީ ކޮވިޑުގެ ދެވަނަ ވޭރިއަންޓެއް ތައާރަފުވުމާ ގުޅިގެން ވެވަޑައިގެން ކަންބޮޑުވުން ކަމަށެވެ.