ހުރިހާ ގޮތަކުންވެސް ރާއްޖެއަށް ވުރެ މޮޅަށް ކުޅެ، 8-0 ގެ ބޮޑު ތަފާތަކުން ރާއްޖެ ބަލިކޮށް އިންޑިޔާއިން ސާފް ޗެމްޕިއަންޝިޕް 16 އަހަރުން ދަށުގެ ފައިނަލުން މިއަދު ހަވީރު ޖާގަ ހޯދައިފިއެވެ.
އިންޑިޔާއިން ރާއްޖެ ކޮޅަށް ޖެހި 8 ލަނޑުގެ ތެރެއިން 6 ލަނޑު ޖެހީ ދެވަނަ ހާފުގައެވެ. ބުންވަރާއި ފިޓްނަސްގެ ގޮތުން އިންޑިޔާއަށްވުރެ މާބޮޑަށް ދަށްކޮށް ރާއްޖެ ފެނުނުއިރު، ދެވަނަ ހާފުގައި ރާއްޖޭގެ ކުޅުންތެރިންނަށް ބޯޅަ ލިބުނީވެސް މަދު ފަހަރަކުއެވެ.
ބޫޓާނުގެ ތިމްޕޫގައި ކުރިއަށްދާ މިމުބާރާތުގައި ސެމީފައިނަލުން ރާއްޖެ ޖާގަ ހޯދީ ގްރޫޕް ސްޓޭޖް ފުރަތަމަ މެޗުގައި 3-0 އިން ޕާކިސްތާން އަތުން ބަލިވިނަމަވެސް ދެވަނަ މެޗުގައި ބޫޓާނުގެ މައްޗަށް 3-2 އިން ކުރި ހޯދައިގެންނެވެ.
ފައިނަލުގައި އިންޑިޔާ ބައްދަލު ކުރަންޖެހޭނީ ސެމީގެ ދެވަނަ މެޗުގައި ޕާކިސްތާނާއި ބަންގްލަދޭޝް ކުޅެގެން މޮޅުވާ ގައުމަކާއެވެ. ބަންގްލަދޭޝް އާއި އިންޑިޔާ ގްރޫޕް ސްޓޭޖުގައި ބައްދަލު ކުރި މެޗް 1-0 އިން ކާމިޔާބު ކުރީ އިންޑިޔާއެވެ.
ރާއްޖޭގެ ސީނިއަރ ޓީމާއި އުމުރު ފުރާތަކުގެ ޓީމުތަކަށްވެސް ސަރަހައްދުގައި ރަނގަޅު ވާދައެއް ނުކުރެވިގެން އުޅެނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ދޯހަޅި ކަމުގެ ސަބަބުން ކަމަށް ދިވެހި ސަޕޯޓަރުން ގަބޫލް ކުރެއެވެ. އޭއެފްސީ 23 އަހަރުން ދަށުގެ ކޮލިފިކޭޝަނަށް މިދިޔަ ހަފްތާގައި ގައުމީ ޓީމަށް ފުރިފައި ނުވާއިރު އެފްއޭއެމްއިން އަދި ކުޅިވަރާއި ބެހޭ ވުޒާރާއިންވެސް ޒިއްމާ ނަގާފައެއް ނުވެއެވެ.