އިންތިހާބާ ގުޅިގެން އެމްޑީޕީއިން ފައިސާ ނުބަހާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އިންތިހާބުގައި ވޯޓު ލެއްވުމަށްފަހު ނުކުމެ ވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ކެމްޕޭން ކުރުމާ ހަމައިން ފެށިގެން ވޯޓުލުން ފެށިގެން މިހާތަނަށްވެސް ހަމަނުޖެހުމެއް ހިނގާފައި ނޯންނާނެކަން ފާހަގަކުރައްވައި ރައީސް ސާލިހު ވިދާޅުވީ ހުރިހާ ކަމެއްވެސް ކުރިއަށް ދަނީ ވަރަށް އަމާން އޮމާންކޮށް ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފެށިފައި ވާއިރު، ވޯޓުލާ ކިއު ބަންދު ކުރާނީ ހަވީރު 4:00 ގައެވެ. އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދޭ ގޮތުގައި، ލަންޑަން އަދި އަބޫދާބީ ފިޔަވައި އެހެން ހުރިހާ ތަނެއްގައި ވޯޓުލުން ވަނީ ފެށިފައެވެ.

މިވަގުތާ ހަމައަށް އައިއިރު، ރައީސް ސާލިހުގެ އިތުރުން މެޑަމް ފަޒުނާ އަހްމަދު، އަދި ބައެއް ރިޔާސީ ކެންޑިޑޭޓުންނާއި ރަނިންމޭޓުން ވެސް ވަނީ ވޯޓުލައްވައިފައެވެެ.