ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުއްޖަކު ރޭޕްކުރިކަން ސާބިތުވެ، 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ އެ ރަށު އަންނާރުމާގޭ، 85 އަހަރުގެ ހަސަން މޫސާ ދީދީ މަރުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ، ހަސަން މޫސާ ދީދީ އަކީ މުސްކުޅި ބަލީގެ ސަބަބުން އެއްގޮތަކަށް ވެސް ހިނގާ ބިނގާ ނޫޅެވޭ މީހެއް ކަމަށެވެ. އެނދުމަތިވެފައި އޮތް ހަސަން މޫސާ ދީދީ ހަރަކާތް ނުކުރާކަން ފާހަގަކުރެވިގެން، އިމަރޖެންސީކޮށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިއުމުން، ޑޮކްޓަރު ބެއްލެވުމަށްފަހު 9:55 ހާއިރު އޭނާ މަރުވެފައިވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
ހަސަން މޫސާ ދީދީ މަރުވީ ހިތް ހުއްޓިގެން ކަމަށްވެސް ކަރެކްޝަނުން ބުނެއެވެ. އެކަން ހަސަން މޫސާ ދީދީގެ އާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސާވިސްއަށާއި އަދި ފުލުހުންގެ އިތުރުން އެޗްއާރްސީއެމް އަދި އެންއައިސީއަށް އަންގާފައިވާ ކަމަށްވެސް ކަރެކްޝަނުން ބުންޏެވެ.
ދެ އަހަރުގެ ނުވާ ކުއްޖާ ރޭޕްކުރި މައްސަލައިގައި 17 ޖެނުއަރީ 2020ގައި ހަސަން މޫސާ ދީދީ ހައްޔަރުކޮށް ހުކުމް ކުރި އިރު އުމުރަކީ 82 އަހަރެވެ. އެ މައްސަލައިގައި އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށް ސާބިތުވެ އޭނާ 25 އަހަރަށް ޖަލަށް ލާން ހުކުމްކުރީ 6 ޖުލައި 2022ގައެވެ.
އެ ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް، 25 ޑިސެމްބަރު 2022ގައި އޭނާގެ މައްޗަށް އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވެސް ވަނީ އިއްވާފައެވެ.
އެއީ ޑިސެމްބަރު 2019 ގައި ކުއްޖަކު، އެހެން ކުދިންތަކަކާއެކު މަގުމަތީގައި ކުޅެން ހުއްޓާ އެ ކުއްޖާއަށް ފައިސާ ދޭން މަސައްކަތްކޮށް، ހަސަން މޫސާ ދީދީގެ ކޮޓަރިއަށް ދިއުމަށާއި އަދި ޖިންސީ މުއާމަލާތެއް ހިންގަން އެދުނު މައްސަލައެއްގައި ދައުލަތުން އުފުލި އާންމު ތަނެއްގައި ހުރި މީހަކު, އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގިހުރެ ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދައުވާ ސާބިތުވެގެން އިއްވި ހުކުމެކެވެ.
ހަސަން މޫސާ ދީދީ އެ ދައުވާއަށް އިންކާރުކުރި ނަމަވެސް, އެ ދައުވާ ސާބިތުވާ ކަމަށް ގާޒީ ނިންމެވީ މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި ލިޔެކިޔުންތަކަށް ރިއާޔަތް ކުރުމަށްފަހުއެވެ.