ރޭޑިއޯ ޓީވީ ހޮންގ ކޮންގގައި މަސައްކަތް ކުރާ، ހިންގ ކޮންގގެ އުފަން ޕާކިސްތާން ދަރިކޮޅުގެ ނަބީލާ ގޫސަރުއެއާ ދެކޮޅަށް އާރްޓީއެޗްކޭއިން ފިޔަވަޅު އަޅައިފިއެވެ.
އާރްޓިއެޗްކޭއިން ވަނީ ނަބީލާއާ މެދު ތަހްގީގެއް ހިންގުމަށް ނިންމައި، ޕްރޮބޭޝަންގެ މުއްދަތު އިތުރު ތިން މަސްދުވަހަށް ދަންމާފައެވެ.
ނަބީލާ މަޝްހޫރުވެގެން ގޮސްފައިވަނީ ހިންގ ކޮންގ ގެ މުޒާހަރާތަކާ ގުޅިގެން މަސްއޫލުވެރިންނާއި ފުލުހުންނާ އެކު ޕްރެސް ކޮންފަރެންސްގައި ސީދާ ހަރު ސުއާލުތައް ކުރާ ނޫސްވެރިއެއްގެ ގޮތުގައެވެ.
އާރްޓީއެޗްކޭ އިން ބުނެފައި ވަނީ ނަބީލާއާ ދެކޮޅަށް ގިނަ އަދެއްގެ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ. އަދި ކުރީގެ ޝަކުވާތަށްވެސް އަލުން ތަހުގީގު ކުރެވެމުން ދަނީ ކަމުގައެވެ.
އާރްޓީއެޗްކޭގެ މުވައްޒަފުންގެ ޖަމުއިއްޔާއިން ބުނެފައިވަނީ މިއީ އާދަޔާ ޚިލާފް ކަމެއްކަމުގައެވެ. އާންމުކޮށް ނޫސްވެރިއަކާ ދެކޮޅަށް ޝަކުވާ ހުށަހެޅުމުން އެކަން ބަލައި ފިޔަވަޅެއް އަޅާނަމަ އަޅައި ނިންމާލަނީއެވެ. ނަމަވެސް އެ މައްސަލަ ދިގު ދަންމައި، އަލުން ތަހުގީގުކޮށް ވަޒީފާ ދަށް ކޮށްހެދުމެއް ނޯވެއެވެ.
ނަބީލާ ބުނި ގޮތުގައި އޭނާއާ މެދު އަޅާފައިވާ ފިޔަވަޅާމެދު އެއްޗެއް ބުނާކަށް ބޭނުމެއް ނުވެއެވެ. އޭނާ ބޭނުން ވަނީ އާރްޓީއެޗްކޭއަށް ޚިދުމަތް ކުރުމުގައި ދެމި ހުންނާށެވެ. އަދި އެ ސްޓޭޝަނަށް އޭނާ ހެޔޮ އެދޭ ކަމުގައެވެ.
ސާފު މެންޑެރިން ބަހުން ފަރިތަކަމާއެކު މޮށެއުޅޭ، ނަބީލާގެ ނޫސްވެރިކަމުގައި އެންމެ ފާހަގަ ކުރެވޭ ދުވަހަކީ، 21 ޖުލައިގައި މުޒާހަރާކޮށްފައި އައި ބަޔަކާ ދެކޮޅަށް ހުދު ހެދުމުގައި ނިކުތް ބަޔަލު ރޭލްވޭ ސްޓޭޗަނެއްގައި ބޭރުގައި ތަޅައިގަތް ހާދިސާއެވެ. މިހާދިސާގައި ސާޅީހަށް ވުރެން ގިނަ ޒުވާނުންގެ ގައިގައި ލަޓިބުރިއާއި ދަނގަޑު ހޮޅިން ތަޅައިގެން ބޮޑެތި އަނިޔާތަކެއް ވިއެވެ.
މިކަމާ ގުޅިގެން ހޮންގކޮންގ ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންވެސް ގަޑިއިރަށް ލަސްވެގެން ދިޔައެވެ.
މި ޕްރެސްކޮންފަރެންސްގައި ހިންގ ކޮންގގެ ވެރިއާ ކެރީ ލިއާމް ދުރުދުރުން ވާހަކަ ދެއްކެވުމުން ނަބީލާ އޭނާ މެދުކަނޑާލުމަށްފަހު ބުނީ "'އިންސާނެއް ފަދައިން ވީގޮތް ކިޔައި ދެއްވަފާނަންތޯ" އެވެ.
އޭނާއަށް ފާޑުކީ މީހުން ބުނެފައިވަނީ ވެރިޔަކަށް ނަބީލާ އިހާނެތިކޮށް ހިތީ ކަމުގައެވެ. މި މައްސަލަވެސް އަލުން ދަނީ ތަހުގީގު ކުރެވެމުންނެވެ.