ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކުގެ ލިންކް ރޯޑްގައި ރޭގެ ވަގުތެއްގައި ކާރަކާއި ސައިކަލެއް އެކްސިޑެންޓުވެ ޒަހަމްވި މީހަކު މިއަދު މަރުވެއްޖެއެވެ.

މި އެކްސިޑެންޓުގައި މަރުވީ ސައިކަލް ދުއްވަން އިން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ އިއްޔެ އިރުއޮއްސުނު ވަގުތު، ލިންކް ރޯޑުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސޑެންޓެއް ހިނގި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ އެކްސިޑެންޓުގައި، ސައިކަލު ދުއްވި މީހާ އަށާއި ކާރުގައި ތިބި ދެ މީހުންގެ ތެރެއިން އެކަކަށް އަނިޔާވެގެން ފަރުވާ ދޭން ގެންދިޔައީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނި ގޮތުގައި، މަރުވި މީހާ އަކީ ސައިކަލް ދުއްވުމުގެ ލައިސަންސް އޮތް މީހެކެވެ. އެކަމަކު ކާރު ދުއްވަން އިން މީހާގެ ލައިސަންސެއް ނޯވެއެވެ. ކާރު ދުއްވަން އިން 28 އަހަރު ދިވެހި ފިރިހެން މީހާ އަށް މިހާރު ވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.