މީހަކު ކޯރާޑީއަކުން ޖަހައި ނިއުޒީލެންޑްގެ ޕާލަމެންޓް އިމާރާތަށް ވަންނަ މައި ބިއްލޫރި ދޮރު ތަޅާލި މައްސަލަ ކަމާބެހޭ ފަރާތްތަކުން ބަލަން ފަށައިފިއެވެ.
ހަމަ އެއާއެކު، ޕާލަމެންޓް އިމާރާތުގައި އަޅާފައިވާ ސަލާމަތީ ފިޔަވަޅުތައް އަލުން މުރާޖައާ ކުރުމުގެ މަސައްކަތްވެސް ކަމާބެހޭ ފަރާތްތަކުންވަނީ ފަށާފައެވެ.
ނިއުޒީލެންޑްގެ ވެލިންޓަންގައި ހުންނަ ޕާލަމެންޓް އިމާރާތުގެ ގޯތިތެރޭގައި މީހަކު ކޯރާޑީއެއް ހިފައިގެން އުޅޭ ކަމަށް ބުނެ، ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެރޭ ފަތިހު 5:30 އެހާއިރުއެވެ.
ފުލުހުން ބުނެފައިވަނީ، ޕާލަމެންޓް އިމާރާތަށް ވަންނަ މައި ބިއްލޫރި ދޮރު، ކޯރާޑީން ޖަހައި ތަޅާލި ނަމަވެސް، އެކަންކުރި މީހާ ޕާލަމެންޓް އިމާރާތަށް ވަންނަން މަސައްކަތް ކޮށްފައި ނުވާކަމަށެވެ.
މިކަން ކޮށްފައިވަނީ އުމުރުން 31 އަހަރުގެ ފިރިހެނެކެވެ.
ފުލުހުންވަނީ، އެމީހާ މާ ގިނައިރެއް ނުވަނީސް ހައްޔަރު ކޮށްފައެވެ.
ނިއުޒީލެންޑްގެ ޕާލަމެންޓް މިވަގުތު ޗުއްޓީގައި އޮތުމުން ޕާލަމެންޓްގެ 120 މެމްބަރުންވެސް ތިއްބެވީ ޗުއްޓީގައެވެ.
އިމާރާތަށް ވަންނަ މައި ބިއްލޫރި ދޮރު ތަޅާލި ހާދިސާ ހިނގިއިރު، އެ އިމާރާތުގައި ތިބީ ވަރށް މަދު ބައެއްކަމަށް ރިޕޯޓްތައް ބުނެއެވެ.
ޕާލަމެންޓް އިމާރާތުގެ ދޮރު ހަލާކުކޮށްލި މީހާގެ މައްޗަށް ގަސްތުގައި މުދަލަށް ގެއްލުން ދިނުމާއި، ނުރައްކާތެރި ހަތިޔާރެއް ގެންގުޅުމުގެ ކުށުގެ ދައުވާ ކުރެވޭނެ ކަމަށް ވެއެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ 7 އަހަރަށް ޖަލަށް ލެވޭނެއެވެ.