އިންތިހާބު ކާމިޔާބު ކުރުމަށް އެއްބުރުން ކިތަންމެ އުއްމީދެއް ކުރިނަމަވެސް އެކަން އެގޮތަށް ތަގުދީރުގައި ލިޔުއްވާފައި ނެތްކަން އިއްޔެ ހާމަވެގެން ހިނގައްޖެ ކަމަށާއި ނަމަވެސް މާޔޫސް ނުވުމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރުމަށް ކިތަންމެ އުއްމީދެއް ކުރި ނަމަވެސް އެކަން އެގޮތަށް ތަގުދީރުގައި ލިޔުއްވާފައި ނެތްކަން އިއްޔެ ހާމަވެގެން ހިނގައްޖެ ކަމަށެވެ. ހިތްއެދޭ ގޮތަށް ކަންތައްތައް ނުވުމަކީ އެއްވެސް ހާލެއްގައި މާޔޫސްވާންޖެހޭ ކަމެއްނޫން ކަމަށާއި ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކޮށް އާ ހިތްވަރަކާއެކު މަސައްކަތް އިތުރަށް ކުރަންވީ ކަމަށް ވެސް އިޔާޒް ވިދާޅުވިއެވެ.

އަދި ދެވަނަ ބުރުން ރައީސް ސާލިހަށް ރިޔާސީ ދެވަނަ ދައުރެއް ހޯދައިދިނުމަށް ގަދައަޅާ މަސައްކަތްކުރުމަށާއި އެކަން ކާމިޔާބުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަދާލަތު ޕާޓީއާއި އެމްޑީއޭއާއެކު އެކުލަވައިލި ކޯލިޝަނާއެކު އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ރައީސް އިބްރާހިމް މުޙައްމަދު ސާލިހަށް ލިބިވަޑައިގަތީ 85,809 (%39.09) ވޯޓެވެ.

ފުރަތަމަ ބުރުގައި އެންމެ ގިނައިން ވޯޓު ހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުޙައްމަދު މުއިއްޒެވެ. މުއިއްޒަށް ލިބިވަޑައިގަތީ 101,100 (%46.06) ވޯޓެވެ.