މިއަދު ސަރުކާރު ބަންދު ދުވަހަކަށްވީނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނާނެ ކަމުގައި އެ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން ބުނެފައިވަނީ ކުރެވިފައިވާ އެޖެންޑާއާއެކު މިއަދުގެ ޖަލްސާ ކުރިއަށްދާނެ ކަމަށެވެ.
އެގޮތުން މިއަދު ޖަލްސާގެ އެޖެންޑާގައި އޮތް ހަމައެކަނި ކަމަކީ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ގޮތެއް ނިންމުމެވެ.
އެހެންނަމަވެސް، އެ މައްސަލަ އެޖެންޑާ ކޮށްފައި ވަނިކޮށް، ނަޝީދާއި މަޖިލިހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންނަން ނިންމާފައިވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް މަޖިލީހުގެ އިދާރާގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، މަޖިލިހުގެ ނަޝީދާއި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެނައިކަން އެ އިދާރާ އަށް އަންގާފައި ނުވާ ކަމަށެވެ.