ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން އެމްޑީޕީން ހުށަހެޅި މައްސަލާގައި ސޮއިކުރެއްވި މެމްބަރުންގެ ތެރެއިން ބާވީސް މެމްބަރެއްގެ ސޮއި އަދިވެސް އޮތުމުން އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް މަޖިލިހުގެ ރައީސް ނަޝީދު މިއަދު ނިންމަވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މައްސަލަ އެޖެންޑާކުރިފަހުން އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރެއްވި ބައެއް މެންބަރުން ނަން އަނބުރާ ގެންދަވާފައިވާ ކަމަށެވެ.

"މައްސަލަ އެޖެންޑާކޮށްފައިވަނިކޮށް އެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން 25 ބޭފުޅަކު ވަނީ އެ ބޭފުޅުންގެ ނަން އަނބުރާ ގެންދަވާފަ. މި މައްސަލަ ކުރިއަށް ދިއުމަށް 22 ބޭފުޅޫންގެ ސޮއި ބޭނުންވޭ. އެހެންވީމަ އަދި 22 ބޭފުޅުންގެ ސޮއި އޮތުމާއެކު މައްސަލަ ކުރިއަށްދާނެ،" ނަޝީދު ވިދާޅުވިއެވެ.

ހަސަން އަފީފު ރިޔާސަަތަށް ވަޑައިގެން ޖަލްސާ ކުރިއަށް ގެންދަވަން ފެށްޓެވިތަނާހެން، މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފު ފުރުސަތެއް ހޯއްދެވިއެވެ. އަދި ޝަރީފު ވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައިވާ ކަމަށާއި އެހެން ނަމަވެސް އެކަމާ ބެހޭ އިދާރީ ކަންކަމަށް ވަގުތުކޮޅެއް ހޭދަވާކަމަށް ވިދާޅުވެފައެވެ. އަދި އިދާރީ ގޮތުން އެކަން ނިމެންދެން ޖަލްސާ ކުރިއަށް ނުގެންގޮސް، ހުސްވަގުތުކޮޅެއް ދޭން ޝަރީފު ވަނީ އެދިވަޑައިގެންފައެވެ.

ޝަރީފު އެދިވަޑައިގެންނެވި ގޮތަށް ޖަލްސާ މިހާރު އޮތީ މެދުކަނޑާލައިފައެވެ.

ނަޝީދު ވަނީ އިތުރު އަށް މެންބަރުން ސޮއި ނުނަންގަވާނަމަ މައްސަލަ ކުރިއަށްދާނެ ކަމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުން ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފުއާ ހަވާލުކުރައްވާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ގާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު ކުރިއަށް ގެންދާނެ ގޮތަކާމެދު ގޮތެއް ނިންމުމާއި ދުވަހުގެ މަސައްކަތުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުމެވެ.

އެ މައްސަލަ އެޖެންޑާ ކުރިފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބް ރައީސް އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ގެންދިއުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ ނިންމާފައެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރުނެތްކަމުގެ މައްސަލަ 50 މެންބަރުންގެ ސޮޔާއެކު އެމް.ޑީ.ޕީ ޕީޖީ ގްރޫޕުން މަޖިލީހަށް ހުށަހެޅީ މެއިމަހުގެ 23 ވަނަ ދުވަހުއެވެ. އަދި 54 މެންބަރުންގެ ސޮއި ހިމެނޭހެން، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅީ މިދިޔަ ޖޫންމަހުގެ 14 ވަނަ ދުވަހުއެވެ.

މަޖިލިސް ގަވާއިދު ބަޔާންކުރާގޮތުގައި މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސް މަޤާމުން ވަކިކުރެވޭނީ، މަޖިލީހުގެ އެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރުމުންނެވެ.