މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ، އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އިއުލާންކުރުމާއެކު، ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރާނެ ކަމަށް ހާމަކޮށްފިއެވެ.
ވަގުތީ ނަތީޖާ އިއުލާންކޮށްފައި ވަނީ، ދަރުބާރު ގޭގައި ގާއިމުކޮށްފައިވާ އިންތިހާބީ މަރުކަޒުގަ އެވެ.
އީސީގެ ވަގުތީ ނަތީޖާ އާއި މީގެ ކުރިން މީޑިއާތަކުން ގެނެސްފައިވާ ނަތީޖާއާ މާ ބޮޑު ފަރަގެއް ނެތެވެ.
ދެ ވަނަ ބުރަށް ދަނީ، އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ.
އީސީގެ ވަގުތީ ނަތީޖާ:
- މުއިއްޒު: 101،635 ވޯޓު (%46)
- ރައީސް ސޯލިހް: 86،161 ވޯޓު (%39)
- ޑިމޮކްރެޓްސްގެ ކެންޑިޑޭޓު، އިލްޔާސް ލަބީބް: 15،839 ވޯޓު (%7)
- މިނިވަން ކެންޑިޑޭޓް، އުމަރު ނަސީރު: 6،343 ވޯޓު (%2)
- ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު، ގާސިމް އިބްރާހިމް: 5،460 ވޯޓު (%2)
- މިނިވަން ކެންޑިޑޭޓް، ފާރިސް މައުމޫން: 2،979 ވޯޓު (%1)
- އެމްއެންޕީގެ ކެންޑިޑޭޓު މުހައްމަދު ނާޒިމް: 1،907 ވޯޓު (%0.86)
- މިނިވަން ކެންޑިޑޭޓް، ހަސަން ޒަމީލު: 327 ވޯޓު (%0.15)
- މި އިންތިހާބުގައި ސައްހަ ވޯޓުގެ އަދަދަކީ، 220،651
- ޖުމްލަ ވޯޓްލާފައި ވަނީ، 225،486 މީހުން؛ ހައްގު ލިބިގެންވާ 282،395 މީހުންގެ %79.85 މީހުން
- 4،835 މީހަކު ގެ ވޯޓު ބާތިލު
އެހެންކަމުން، އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލާން ނުނިކުންނަ 56،000 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. މިއީ ކުރީގެ ރިޔާސީ އިންތިހާބު ތަކާ ބަލާއިރު މަދު އަދަދެކެވެ. އެންމެ ބާތިލު ވޯޓް ގިނަ އިންތިހާބު
އާ ގާނޫނުއަސާސީ އައި ފަހުން، 2008އިން ފެށިގެން މިހާތަނަށް ހަތަރު ރިޔާސީ އިންތިހާބެއް ބާއްވާފައިވާއިރު މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރި މި އިންތިހާބަކީ، އިލެކްޝަންސްގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެންމެ ބާތިލު ވޯޓު ގިނަ އިންތިހާބެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު އެވެ. އެ ބުރުގައި ވޯޓުލާން ރީ-ރަޖިސްޓްރޭޝަނަށްމި މަހުގެ 16 ނުވަތަ 17ގައި ހުޅުވާލާނެއެވެ.