ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) ފިރިހެނުންގެ ބީޗް ވޮލީބޯޅައިގެ ތަށި ދިފާއު ކުރުމަށްޓަކައި ގައުމީ ބީޗް ވޮލީ ޓީމު ބަންގްލަދޭޝް އަށް ފުރައިފިއެވެ.

މާދަމާ ފެށޭ މުބާރާތުގައި ރާއްޖެއިން ވާދަކުރަނީ ރާއްޖޭގައި ފައިނަލެއްގައި މޮޅުވެގެން ތާރީހީ ކާމިޔާބެއް ހޯދަދިން އާދަމް ނަސީމް (އެޑަމް) އާއި އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) ގެ ޕެއާއެވެ.މި މުބާރާތަކީ ތިން ދުވަހުގައި މުއްދަތަކަށް ކުރިއަށް ގެންދާ މުބާރާތެކެވެ.

މިއަހަރުގެ މުބާރާތަށް ރާއްޖޭގެ ޓީމަށް އިރުޝާދު ދޭނީ 2019 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރިހި މެޑަލްއަކާއި ލޯ މެޑަލްއެއް ހޯދި ރާއްޖޭގެ ބީޗް ވޮލީ ޓީމުގެ އޭރުގެ ކުޅުންތެރިޔާ އަދި ފަހުރުވެރި ދިވެހި ކުޅުންތެރިޔެއްކަމަށްވާ ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އެވެ.

ވޮލީ ބޯލް އެސޯޝިއޭޝަނުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިދިޔަ އަހަރު ތަށި ގެއަށް ގެނެސް، މި އަހަރު މި އޮތީ މިއަށްވުރެ ވެސް ހިތްގައިމު އެޑްވެންޗާއަކަށް ތައްޔާރުވެފައިކަމަށެވެ.އަދި ކުޅުންތެރިންނާ ކޯޗުން ގެ އުއްމީދުތައް އުޑުމަތިވެފައި،ކޮށްފައިވާ ބުރަ މަސައްކަތް ދުނިޔެއަށް ދައްކައިދޭން ކެތް މަދުވެފައިކަމަށްވެސް އެޕޯސްޓުގައި ބުނެފައިވެއެވެ.