ފުވައްމުލަކު ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ އެ ސިޓީގެ ނައިބު ތުއްތު މަގުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ބަމްޕަރަކަށް އަރައި ކަހާލައިގެން ވެއްޓި ހާދިސާއެއް ހިނގާފައިވާ ކަމަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 10:55 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި ސައިކަލު ދުއްވި ޒުވާނާއަށް އަނިޔާވެގެން އެ ސިޓީގެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އާދިއްތަ ދުވަހު މާލެ ގެނެސްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި މި ޒުވާނާ ނިޔާވެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި، އޭޑިކޭގައި ފަރުވާދެމުން ދަނިކޮށް ކަމަށް އޭޑީކޭ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މި އެކްސިޑެންޓްގައި މަރުވީ ފުވައްމުލަކު ސިޓީގެ މިސްކިތްމަގު އަވަށު ދެބުދާރުގެ، 30 އަހަރުގެ އިސްމާއިލް ހަސަން އެވެ.

އިސްމާއީލް ހަސަނަކީ ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަ މީހެކެވެ.

ފުލުހުން އަންނަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.