ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އޮންލައިންކޮށް ރީ-ރެޖިސްޓްރީ ކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވެއްޖެއެވެ.

ހަބީބު ވިދާޅުވީ ރީ-ރަޖިސްޓްރީވުމަށް، ފޯމު ފުރައިގެން އަދި އޮންލައިންކޮށްވެސް ފޯމު ހުށައެޅޭނެކަމަށެވެ. ރީ ރަޖިސްޓްރޭޝަނަށް މިމަހުގެ 16 އަދި 17ގައި ހުޅުވާލުމަށް މަސައްކަތްކުރާކަމަށް އީސީން ބުނެފައިވެއެވެ.

މީގެ އިތުރުން ހަބީބު ވިދާޅުވީ މިމަހުގެ 30 އަށް 18 އަހަރު ފުރޭ ޒުވާނުންނަށްވެސް ދެވަނަބުރުގައި ވޯޓުލުމުގެ ފުރުސަތު ލިބޭނެކަމަށާއި އަދި އަލަށް ވޯޓުލެވޭ މީހުންގެ މަޢުލޫމާތު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ހޯދުމަށް ފަހު، ވަރަށް އަވަހަށް އާންމުކުރައްވާނެކަމަށެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގުލިބިފައިވަނީ 282،395 މީހުންނަށެވެ. ވޯޓުލީ 225486 މީހުންނެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި މިއަދަދަށް ބަދަލުތަކެއް އަންނާނެއެވެ. ބަދަލު އެންމެ ބޮޑަށް އަންނާނީ އަލަށް 18 އަހަރު ފުރޭ މީހުންނާއެކު ލިސްޓަށް ގެެނެވޭ ބަދަލުންނެވެ. އީސީން މަސައްކަތް ކުރަމުންދަނީ މިމަހުގެ 16 އަދި 17 ގައި ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލުމަށެވެ. އެއަށްފަހު އިންތިހާބުގެ ވޯޓުލާ މީހުންގެ ލިސްޓަށް ޝަކުވާއަށް ހުޅުވާލައި، ދާއިމީ ލިސްޓު އާންމު ކުރާނެއެވެ.