ލީބިޔާގެ އިރުމަތީ ސަރަހައްދުގައި ފެންބޮޑުވުމުގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ހިތަށް ސިފަވެސް ނުކުރެވޭ ވަރުގެ ގެއްލުންތަކެއްވެ، އެތަކެއް ބަޔަކު މަރުވެ ނުވަތަ ގެއްލިދާނެކަމުގެ ބިރު އެބައޮތް ކަމުގައި ހަލީފާ ހަފްތާރު ވިދާޅުވެއްޖެއެވެ.

ހަލީފާ ހަފްތާރު މިހެން ވިދާޅުވީ ލީބިޔާގެ އިރުމަތީ ސަރަހައްދަށް މިވަގުތު ދިމާވެފައިވާ ފެންބޮޑުވުމުގެ ހިތާމަވެރި ހާދިސާއާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ލީބިޔާގެ ރެޑް ކްރެސެންޓްގެ ތަރުޖަމާނު ތަކްފީގު ޝުކްރީ ވިދާޅުވީ އެތަކެއް އިމާރާތެއް ވެއްޓުމާއި އެހެނިހެން ގޮތްގޮތުން 3000 އެއްހާ މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވާ ކަމަށާއި 10،000 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށެވެ.

ލީބިޔާއަށް މިދިޔަ އާދީއްތަ ދުވަހު އައި ތޫފާނުގެ ސަބަބުން އެތައް ބަޔަކަށް ވަނީ އެތަކެއް ގެއްލުމެއް ވެފައެވެ. އަދި މެޑިޓެރޭނިއަންގެ އެހެން ގައުމުތަކަށް، ހާއްސަކޮށް ގްރީސްގެ އިތުރުން ބަލްގޭރިއާ އާއި ތުރުކީއަށް ވެސް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގެއްލުންވެފައިވެއެވެ.

ލީބިޔާގެ އިރުމައްޗަށް އައި ތޫފާނުގައި ފެންބޮޑުވި މި ކާރިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވަމުން ދަނިކޮށް، އޭގެތެރެއިން ތިން ވޮލަންޓިއަރަކު މަރުވެފައިވާ ކަމަށްވެސް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑްކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސް (އައިއެފްއާރުސީ) އިން ވަނީ ބުނެފައެވެ.

އައިއެފްއާރުސީގެ ސެކްރެޓަރީ ޖެނެރަލް ޖަގަން ޗަޕަގެއިން ވިދާޅުވިގޮތުގައި، ހަމްދީ ބެލައިދާއި ހާލިދު އަދުވާލް އަދި އަބާދީ އަލް ހަރްމް މަރުވެފައިވަނީ ފެންބޮޑުވުމުގެ ސަބަބުން ތާށިވެފައިވާ ދަރުނާ ޓައުންގެ ބައެއް ރައްޔިތުންނަށް އެހީތެރިވަމުން ދަނިކޮށެވެ.

"ތޫފާނުގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީވުމުގެ ތެރޭގައި، އަޅުގަނޑުމެންގެ ތިން ވޮލަންޓިއަރުންގެ މި ކުއްލި ވަކިވުމާމެދު ނިހާޔަތަށް ހިތާމަކުރަން، ހިތުގެ އަޑިން އެ ޝަހީދުންގެ އާއިލާތަކަށާއި ލީބިޔާގެ ރެޑް ކްރެސެންޓްގައި ތިބި އަޅުގަނޑުމެންގެ އެކުވެރިންނަށް ތައުޒިޔާ ފޮނުވަން،" އެކްސް.ކޮމްގައި ކުރައްވާފައިވާ ޓްވީޓެއްގައި ޖަގަން ޗަޕަގެއިން ވިދާޅުވެފައިވެއެވެ.

މިހާދިސާގައި މަރުވި މީހުން ވަޅުލުމުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ވެސް ވަރަށް ދަތި އަދި އުދަނގޫ ގޮތެއްގައެވެ.

ތޫފާނުގައި މަރުވި 300 އަށްވުރެ ގިނަ މީހުން ވަޅުލިއިރު، އޭގެ ތެރެއިން ގިނަ މީހުން ވަޅުލަން ޖެހުނީ އެއް ވަޅެއްގައެވެ. މިހާ ގިނަ އަދަދަކަށް މީހުން މަރުވެފައިވާ ތަން ފެންނަމުން ދާއިރު، މެޑިޓެރޭނިއަނާ ގުޅިފައިވާ ކޯރަށް އެތައް ބަޔަކު ވަނީ ގެއްލިފައެވެ.