ރާއްޖޭގައި ޕެރަ ސުއިމިންގ ރަސްމީކޮށް އިފްތިތާހް ކޮށްފިއެވެ.

ވެސްޓިން ހޮޓެލް އެންޑް ރިސޯރޓްސް ގެ އެހީތެރިކަމާއެކު މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އާއި ސުއިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން މިއަދު ވޯޓަރ އެޖް (ހުޅުމާލެ) ގެ ކޮންފަރެންސް ހޯލުގައި ބޭއްވުނު މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ އެމެރިކާގެ ޕެރަ އެތުލީޓެއްކަމުގައިވާ މރ. ގްރެގަރީ ބާންސް އެވެ. އޭނަ ވަނީ މީގެ ކުރިން ޕެރަލިމްޕިކް ގައި ވާދަކޮށް 2 ގޯލްޑާއި 2 ސިލްވަރ މެޑަލް ހޯދާފައެވެ.

މީގެއިތުރުން މިރަސްމިއްޔާތުގައި ގްރެގަރީ ބާންސް ވަނީ ރާއްޖޭގެ ސުއިމިންގ އެތުލީޓުންނަށާއި ޕެރަ ސްއިމިންގ އެތުލީޓުންނަށް ޕެރައެތުލީޓަކަށް ވުމަށް އޭނާ ކުރި ދަތުުރުގެ ވީޑިއޯ ޕްރެސެންޓޭޝަނެއް ހުށަހަޅާދީ އިންސްޕިރޭޝަނަލް ލެކްޗަރ ދީފައެވެ. މިކަމުގެ ސަބަބުން ރާއްޖޭ ސުއިމިންގ އަދި ޕެރަ އެތުލީޓުންނަށް ވަރަށް އަގުހުރި ފިލާވަޅުތަކެއް ވަނީ ލިބިފައެވެ.

އަދި ޕެރަސުއިމިންގ ފެށުމާއި ގުޅިގެން ރާއްޖޭގެ ކަންކޮޅުތަކުގައި ދިރިއުޅެމުންގެންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ފަހި ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ.

ސަރުކާރުން 2019 ވަނަ އަހަރު ޕެރަލިމްޕިކް ކޮމިޓީ އުފެއްދެވުމަށްފަހު މިއީ ޕެރަ ކުޅިވަރުތަކުގެ ތެރެއިން ތައާރަފު ކުރެވެގެންދާ 3 ވަނަ ޕެރަ ސްޕޯރޓްސްއެވެ.

މިހާރު ތަޢާރަފު ކުރެވިފައިވަނީ ޕެރަ އެތުލެޓިކްސް، ޕެރަ ބެޑްމިންޓަން އަދި މިއަދު ތަޢާރަފު ކުރެވިގެން ދިޔަ ޕެރަ ސުއިމިންގ އެވެ. އަދި މިއާއެކު، ޕެރަ ޓޭބަލް ޓެނިސް 2024ވަނަ އަހަރު ތައާރަފު ކުރެވިގެން ދާނެއެވެ.

މރ. ގްރެގަރީ ބާންސްގެ މިދަތުރަކީ ވެސްޓިން ހޮޓެލްސް އެންޑް ރިސޯރޓް ގައި ޗުއްޓީ ހޭދަކޮށްލުމަށް ކުރާ ދަތުރެކެވެ، މރ. ގްރެގަރީ ބާންސް ރާއްޖޭން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.