އިއްޔެގައި ފެށި ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) ޓުއާގައި ގައުމީ ބީޗް ވޮލީ ޓީމު ފުރަތަމަ ދެ މެޗުން މޮޅުވެއްޖެއެވެެ.

މި މުބާރާތް އިއްޔެގައި ބަންގްލަދޭޝްގައި ކޮކްސް ބާޒާރުގައި ފަށާފައިވާއިރު، މުބާރާތުގައި ކުޅެފައިވަނީ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާއިންނެވެ. މިއީ އެންމެ ފަހުންވެސް ރާއްޖެއަށް ތަށި ހޯދަދިން ޕެއާއެވެ.

ފުރަތަމަ މެޗު އިއްޔެގައި ކުޅެފައިވަނީ ބޫޓާނާ ދެކޮޅަށެވެ. މި މެޗުގައި ގައުމީ ޓީމުން ކާމިޔާބުކޮށްފައިވަނީ 21-05، 21-08 އިންނެވެ.

ދެވަނަ މެޗުގައި އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ވާދަކޮށްފައިވަނީ މުބާރާތް ބާއްވާ ގައުމު، ބަންގްލަދޭޝްގެ މަންސޫރާއި ޝާޖަހާންގެ ޕެއާއާ ދެކޮޅަށެވެ. މި މެޗުގައި 21-13 އަދި 21-19 ކާމިޔާބުކޮށްފައިވަނީ ހަމަ ރާއްޖެއެވެ.

ރާއްޖެއިން އެންމެ ފަހު މެޗުގައި ނިކުންނަން ހަމަޖެހިފައިވަނީ އިންޑިއާގެ ނިތިން އާއި ރާމާގެ ޕެއާއާ ދެކޮޅަށެވެ.

މިއަހަރުގެ މުބާރާތަށް ރާއްޖޭގެ ޓީމަށް އިރުޝާދު ދޭނީ 2019 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރިހި މެޑަލްއަކާއި ލޯ މެޑަލްއެއް ހޯދި ރާއްޖޭގެ ބީޗް ވޮލީ ޓީމުގެ އޭރުގެ ކުޅުންތެރިޔާ އަދި ފަހުރުވެރި ދިވެހި ކުޅުންތެރިޔެއްކަމަށްވާ ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އެވެ.