މިމަހު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު އޮބްޒާވުކުރުމަށް ހަރަކާތްތެރިވި ރާއްޖެއިން ބޭރުގެ އޮބްޒާވަރުންތަކަށް ފުރައްސާކުރި މައްސަލާގައި ޕީޕީއެމް/ޕީއެންސީގެ މަންދޫބަކާއި އޮބްޒާވަރަކު ސަސްޕެންޑްކޮށް، އެ މީހުން ހުއްދަ އިލެކްޝަން ކޮމިޝަނުން ބާތިލްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިންތިހާބު އޮބްޒާވް ކުރަން އައި އިންޑިއާގެ އޮބްޒާވަރުންނަށް ފުރައްސާރަކުރީ ދިވެހި އޮބްޒާވަރަކާއި މަންދޫބެއް ކަމަށާއި އެއީ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށްވާތީ އިއްޔެ ބޭއްވި އެ ކޮމިޝަންގެ ހާއްސަ ޖަލްސާގައި އެ ދެ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ވަނީ ނިންމައިފައިކަމަށެވެ.
މީގެ އިތުރުން އެ ޖަލްސާގައި ނިންމީ އެ މީހުންނަށް މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ކުރިޔަށް އޮތް ބޮޑު ދެ އިންތިހާބުގެ އެއްވެސް ކަމެއްގައި އެއްވެސް ހައިސިއްޔަތަކުން ހަރަކާތްތެރި ނުވެވޭ ގޮތަށް ސަސްޕެންޑް ކުރުމަށްކަމަށްވެސް އީސީން ވިދާޅުވިއެވެ.
ސަސްޕެންޑުކުރި ދެ މީހުންގެ ބަދަލުގައި އޮބްޒާވަރެއް އަދި މަންދޫބެއް ނެގުމުގެ ފުރުސަތު އެ ޕާޓީއަށް ދިނުމަށް ވެސް އެ ކޮމިޝަނުން ނިންމާފައިވާއިރު ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެންނަ ގޮތުގައި އިންޑިއާގެ ދެ އޮބްޒާވަރަކާ ދިމާލަށް އެދެމީހުން ވަނީ ވަރަށް ހަޑިކޮށް އެއްޗެހި ގޮވާފައެވެ.
އިލެކްޝަން ކޮމިޝަނުން ވަނީ އެ ކޮމިޝާނުން ދައުވަތު ދެއްވައިގެން ވަޑައިގެންނެވި ބޭރުގެ އޮބްޒާވަރުންތަކަކަށް އެގޮތަށް ދިމާކޮށްލުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ.