ވިއެޓްނާމްގެ ވެރިރަށް ހަނޯއީގެ އެޕާޓްމަންޓް ބްލޮކެއްގައި ރޯވެ، އެތަކެއް ބަޔަކު މަރުވެއްޖެއެވެ.

ވިއެޓްނާމްގެ އޮފިޝަލުން ވިދާޅުވިގޮތުގައި 150 އެއްހާ މީހުން ދިރިއުޅޭ ނުވަ ބުރީގެ އެ އިމާރާތުގައި އަލިފާން ރޯވެފައިވަނި މީހުން ނިދާފައި ތިއްބައި ކަމަށެވެ. އަދި އެ ހާދިސާގައި 56 މީހުން މަރުވެފައިވާކަމާއި، ހާލު ދެރަ މީހުންގެ 37 މީހަކަށް ފަރުވާދެމުންދާކަމާއި އޭގެތެރެއިންވެސް މީހުން މަރުވުމުގެ ފުރުސަތު އެބައޮތްކަމަށްވެސް އޮފިޝަލުން ވިދާޅުވިއެވެ.

ވިއެޓްނާމްގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އެ އިމާރާތަކީ ގަވައިދާ ހިލާފަށް އެއްވެސް އަލިފާން ނިއްވާ ވަސީލަތައެއް ނެތި އިމާރާތް ކޮށްފައިވާ ތަނެއްކަމުން އެ އިމާރާތުގެ ވެރި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އަލިފާން ހިންގުމާއެކު ބަޔެއް މީހުން ރައްކާތެރިވުމަށް ކުޑަ ދޮރުން ފަދަ ނިކުމުވެން ހުރި ތަންތަނުން ނިކުމެފައިވާކަމަށް ނޫސްތަކުގައިވެއެވެ.