ލީބިއާގައި ފެންބޮޑުވުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 6000 އިން މައްޗަށް އަރައިފިއެވެ.
ލީބިއާގެ އުތުރުން އޮންނަ ސިޓީ އަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެސިޓީގެ ބޮޑު ދެ ކޯރު ވަނީ ފުރިގެން ބަންޑުންވެފައެވެ. އަދި މުޅި ސިޓީގައި ފެންބޮޑުވެ ގިނަ ގެތަކެއް ވަނީ ފުނޑުފުނޑުވެ ފެނުގެ އަޑީގައެވެ.
އިއްޔެގެ ނިޔަލަށް އެސިޓީގައި ހަ ހާހަށްވުރެން ގިނަ މީހުން މަރުވެފައިވާ ކަމަށް ލީބިއާގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ. އަދި ދިހަ ހާހަށްވުރެން ގިނަ މީހުން ގެއްލިގެން ހޯދަމުންދާ ކަމަށްވެސް އޮފިޝަލުން ވަނީ ބުނެފައެވެ. ލީބިޔާގެ އޮފިޝަލުން ލަފާކުރާ ގޮތުގައި މަރުވި މީހުންގެ އަދަދު ވިހި ހާހަށް އަރާނެ ކަމަށެވެ.
އޮފިޝަލުން ވަނީ ގެއްލުނު މީހުން އިމާރާތްތަކުގެ ދަށުގައި ނުވަތަ އޮޔާ ގޮސްފައިވާ ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައެވެ. އަދި އެއްލައްކަަ އަށްވުރެން ގިނަ މީހުންގެ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ކަމަށްވެސް އޮފިޝަލުން ވަނީ ހާމަކޮށްފއެވެ. ގެއްލުނު މީހުން ހޯދުމާއި އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީވުމަށް ލީބިއާއިން ވަނީ ހާއްސަ ކޮމިޓީއެއް އުފައްދައި މަސައްކަތް ފަށައިފައެވެ.
ލީބިއާއަށް އެރި ތޫފާނުގެ ސަބަބުން އެގައުމަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބޭރުގެ އެހީއަށް އެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ލީބިއާގެ ހެލްތް މިނިސްޓަރު ސާދިއްދީން އަބްދުލް ވަކީލީ ވަނީ އެސިޓީގެ ހޮސްޕިޓަލުތައް ފުރިފައިވާ ކަމަށާއި އަނިޔާވެފައިވާ މީހުންނަށް ފަރުވާދެވޭނެ ގޮތް ނެތި ބޮޑު ކާރިސާއެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެފައެވެ.