ޢިއްޒަތްތެރި ވަގު 15

0

ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް

” ބައްޕާ. ވައްކަންކޮށްގެން މިހާރަކު މާ ބޮޑު ކަމެއް ކުރެވޭކައްނެތް. ޑާކޫންނާއި، ލުޓޭރުންގެ އެތައް ޖަމާޢަތެއް މިހާރު އުފެދިއްޖެ. މިހާރު އަޅުގަނޑުމެންގެ ހުނަރުގެ މާ ބޮޑު ގަދަރެއްނެތް. އެހެން ވީމާ އަޅުގަނޑުވެސް ކުރީގެ މަސައްކަތް ދޫކޮށްލާފައި ތަނަކުން ވަޒީފާއެއް ހޯދައިފިން. ހަމަޖެހިގެން ދިރިއުޅެވޭ ވަރުގެ އާމްދަނީއެއް މި ވަޒީފާއިން ލިބޭ.”

Advertisements

އެ ހަފްތާ ތެރޭގައި އަކްރަމަށް އަނެއްކާވެސް ޓެކްސްގެ މައްސަލަތަކާ ކުރިމަތި ލާން ޖެހިއްޖެއެވެ. އޭނާގެ ގެ ފަޅަށް ހުންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. އެހެން ނަމަވެސް ކަރަންޓްބިލް ދިޔައީ އެއްދުވަހުން އަނެއް ދުވަހަށް ބޮޑު ވަމުންނެވެ. ބައެއް މީހުންގެ ދިރިއުޅުން ކުރިޔަށްދަނީ ފިނި ހަކަ ދުވެލީގައެވެ. އަކްރަމްގެ ދިރިއުޅުން އޮންނަނީ އެޔާ ތަފާތު ގޮތަކަށެވެ. ބައެއް ފަހަރަށް ޖަމްބޯ ޖެޓެއްގެ ދުވެލީގައި ކުރިއަށް ދެއެވެ. ބައެއް ފަހަރު ހަމަ މުޅިން ހުއްޓެނީއެވެ. ސަހަރަށް އެނބުރި އާދެވުމާއެކު ދިރިއުޅުން ހުއްޓިއްޖެއެވެ. މިހާރަކު ކުރާނެ ކަމެއް ނެތެވެ. ވިސްނާނެ ވަގުތެއްވެސް ނެތެވެ.

އެކަމު އެކަންވެސް އެހެން ދެމި އޮތީ ދެތިން ދުވަހަށެވެ. ވަގު ދަނބިދަރި އައިސް ވިސްނާނެ ކަމެއް މަތިކޮށްދީފިއެވެ.

” ބައްޕާ. އަޅުގަނޑުމެން ދެމަފިރިން ކުޑަ ދުވަސް ކޮޅަކަށް މި ގެއަށް އަންނަނީ.” އޭނާ ބުންޏެވެ. އަޅުގަނޑު ވަޒީފާއިން ވަކި ކޮށްފި. ވަޒީފާއެއް ނެތީސް ކުލީ ގެއެއްގއި އުޅެވޭނީ ކިހިނެއްތޯ؟ އެހެން ވީމާ ދުވަސ ްކޮޅަކަށް މި ގެޔައް އައީ. އަޅުގަނޑު ވަޒީފާއެއް ލިބޭތޯ މަސައްކަތް ކުރާނަން”

އަކްރަމްގެ ދެމަފިރިން ތިބީ އެކަނިވެރިކަން ފިލާނެ ގޮތެއް ނެތިފައެވެ. އަހްސަނާއި، ނިދާ އާ ދެ ކުދިން އައީމާ ކުޑަ ދުވަސް ކޮޅަކަށް ނަމަވެސް ދެމަފިރިންގެ އެކަނި ވެރިކަން ފިލާނެތާއެވެ. އެހެން ވީމާ އުފަލާ އެކު އެ ދެ ކުދިންނަށް މަރުހަބާ ކިޔައިފިއެވެ. ” އާނ.. އާނނ” އަކްރަމް ބުނެލިއެވެ. ” މިއީ ތިޔަ ކުދިންގެ ގެ. އަވަހަށް އާދޭ. ބޭނުން ދުވަހެއް ވާންދެން ތިބޭ.”

އެރޭ ކުއްލިއަކަށް އެ ގެޔަށް މުސީބާތެއް ވެރިވެއްޖެއެވެ. ރޭގަނޑު މެންދަމު ދޭއް ޖެހިއިރު މުޅި ހިސާބުގަނޑަށް ވެރިވެގެން ދިޔައީ ފުލުސް ކާރުތަކުގެ ބަރު ގޮނުގެ އަޑެވެ. އެ އަޑު ކެނޑުމާއެކު އަކްރަމްގެ ގޭގެ ދޮރުގައި ބާރަށް ތަޅާ އަޑު އި ވިއްޖެއެވެ. ގޭގެ އެންމެނަށް ހޭލެވިއްޖެއެވެ.

” ކިހިނެއްވީބާ؟ މިހައި ދަންވަރު އަނެއްކާ ކޮންފަދަ ކަމެއް ލައިގަތީ؟” ނާހިދާ ތެދުވަމުން އަހައިލިއެވެ.

” އަހަރެން ބަލާފައި އެބަ އަންނަން” އަކްރަމް ދުވެފައި ކަހަލަ ގޮތަކަށް ގޭގެ މައި ދޮރާ ހަމައަށް ހިނގައްޖެއެވެ.

ދޮރު ހުޅުވައިލި އިރު ދޮރުމަތީގައި ތިބީ ފުލުހުންނެވެ.އެ މީހުން ފެނުނީމާ އަކްރަމްގަތީ ބިރެވެ. ގޭގެ ދޮރުމަތީގައި ފުލުސް ކާރެއް އޮތެވެ. އޭގެ ކައިރީގައި ދެތިން ފުލުހުން ތިއްބެއެވެ.

” އަކްރަމް ސާހަބް. އަޅުގަނޑު އެނގިވަޑައިގެންފިތޯ؟” އޭނާ ވާހަކަ ދެއްކީ ވަރަށް އަދަބުވެރިކަމާ އެކުގައެވެ. އަޅުގަނޑަކީ އެއްކަލަ ދުވަހު އަކްރަމް ފުލުސް އޮފީހަށް ވަޑައިގެންނެވި އިރު އެތާނގައި އިން މީހާ”.

” އާ…. އާދެ… އާދެ… އަޅުގަނޑަށް އެނގިއްޖެ”. އަކްރަމް އަވަސް އަވަހަށް ބުނެލިއެވެ. ” މިހައި ދަންވަރު ވަގުތެއްގައި ވަޑައިގަތީ ކީއްކުރަންތޯ؟”

” ދަންނަވަންތޯ؟ އެ ދުވަހު އަކްރަމް ވަޑައިގެންނެވި އިރު މިގެ ހުރީ އަޅުގަނޑުމެންގެ ފުލުސް އޮފީހުގެ ދާއިރާއަކު ނޫން. އެކަމަކު އޭގެ ފަހުން ސާވޭ ކޮށްފައި ބެހިއިރު މި ގެ މި އޮތީ އަޅުގަނޑުމެންގެ ދާއިރާ އަށް ވަދެފައި. އެ ދުވަހު ވަޑައިގަތީ ގެއަށް ވަގު ވަން ވާހަކަ އަންގަވަން ނޫންތޯ؟ އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާރުވެސް އެ ވަގު ކަލޭގެ މި ގޭގައި އެބަ އޮތް.”

” އެކަމަކު …… އެއީ މިހާރު މާކުރީގެ ވާހަކައެއް ނޫންތޯ؟” އަކްރަމް ބިރުން ހުރެ ބުނެލިއެވެ. ” އޭނާއަކީ މިހާރު އަޅުގަނޑުގެ ދަނބި ދަރިއެއް. މިގޭ ކުއްޖެއް. މިހާރު އެނާ ވައްކަން ކުރުން ދޫކޮށްލައިފި. އަބުރުވެރި ދިރިއުޅުމެއް ފަށައިފި.”

” ތިޔައީ އަޅުގަނޑުމެންނަކާ ބެހޭ ކަމެއްނޫން. ކޮންމެ ގޮތެއްވިޔަސް ފުލުހުންނަށް ޖެހޭނީ އެމީހުންގެ ވާޖިބު ފުރިހަމައަށް އަދާކުރަން.”

އަކުރަމުގެ އަނގައިން އާދަޔާ ޚިލާފު ބިރުވެރި އަޑުތަކެއް ނުކުންނަން ފަށިފިއެވެ. ނާހިދާވެސް ހަޅޭ ލަވަން ފަށައިފިއެވެ. އެކަމަކު ފުލުހުން ވަގު އަހުސަން ހައްޔަރުކޮށްފިއެވެ. ހާދިސާ ހިނގިތާ ހަމަސް ފަހުން ވަގުކަލޭގެ ހައްޔަރު ކުރީއެވެ. އޭނާ ވަގަކަށްވެފައި އޮތް އިރު ހައްޔަރު ކުރާކަށް ނޫޅުނެވެ. މިހާރު އޭނާ އެ ގޭ ކުއްޖަކަށް ވީމާ އެ ހައްޔަރު ކުރީއެވެ. ފުލުހުން ކަންތައް ކުރި ގޮތުން އަކްރަމް ވަރަށް ބޮޑަށް ރުޅި އައެވެ. ” ސަހަރަށް އައުމުގެ ބޭނުމެއް ނެތޭ އަހަރެން ބުނީ އެހެންވެގެން.” އޭނާ ނާހިދާ އާ ދިމާލަށް ބުނެލިއެވެ.

” މި ކަހަލަ ވިޔާނުދާ ކަމެއް އެމީހުން ކުރާނެކަން އަހަންނަށް އެނގޭނީ ކިހިނެއް؟”

” ބައްޕާ. ކޮންމެ ގޮތެއް ހަދާފައިވެސް އޭނާ ގެނެސް ދެއްވާ” ނިދާ ރޯން ފަށައިފިއެވެ.

” ތިޔަ ކަން ވޭތޯ ބަލަން ޖެހޭނީ ފުލުސް އޮފީހަށް ދާން” އަކްރަމް ބުނެލިއެވެ. ” އެކަމަކު އެކަނި ދާކަށް ނުކެރޭނެ. މުނީރަށް ގޮވާބަލަ. މިކަހަލަ ދަނޑިވަޅުތަކުގައި އެހީތެރިވާން ހުންނަނީ އޭނާ”

މުނީރަށް ގޮވުމުގެ ކުރިން ފެނުނީ އެއްކަލަ ދެ ސިޔާސަތުދާނުން އައި ނައި ތަނެއް ނޭނގި އައިތަނެވެ. އާދެ. ޝަވްކަތާއި އަޒީޒުﷲ އާ ދެމީހުން އަތުވެއްޖެއެވެ. އެދެމީހުންނަށް ޚަބަރު ކުރީ ކާކުކަމެއްވެސް ނޭނގެއެވެ.

” އަކްރަމް ސާހަބް. މިވީ ވަރަށް ދެރަ ގޮތަކަށް” ޝައުކަތު ބުނެލިއެވެ. ” ފުލުހުންނަކީ ގަބުރު ކޮންނަން އާދަވެފައި ތިބޭ ބައެއް. ނިކަން ބައްލަވާ. އެއްވެސް ކަމަކާ ނުލައި އެ ކުއްޖާފުޅު ހައްޔަރުކޮށްގެން އެ ދިޔައީ ނޫންތޯ”.

” އެއީ އަނިޔާއެއް” ޢަޒީޒުﷲ ތަގްރީރުގެ ރާގުގައި ބުނެލިއެވެ. ” އަޅުގަނޑު އެ މީހުންނާ ދެކޮޅަށް އިހްތިޖާޖު ކުރާނަން. ފުލުސް އޮފީހުގެ ސަރަހައްސަދު ކުރިން ކަނޑައަޅާފައި ނެތީ ކީއްވެގެންތޯ؟”

” އަޅުގަނޑު ނިންމައިގެން މިހުރީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަން” ޝައުކަތު ބުންޏެވެ. އަޅުގަނޑުގެ މީހުން ބޭރުގައި އިންތިޒާމު ކުރަމުން އެބަ ގެންދޭ. މިހާރު ތައްޔާރުވެ ނިމިވެސް ދާނެ”

” ތިޔަހެން ވެގެން ނުވާނެ. ބަނޑުހައި ހޫނު ކަމުގެ ހަޅުތާލު ކުރާނީ އަޅުގަނޑުމެންގެ މީހުން” އަޒީޒުﷲ ބުންޏެވެ. ” އެއީ އަޅުގަނޑުގެ ހައްގެއް. މި ގެއާ އެންމެ ކައިރީ އަޅުގަނޑުގެ ގެ”.

” ތިޔައީ އަކީ އެއްވެސް ވާހަކައެއްނޫން. މިއީ އަޅުގަނޑުގެވެސް ރަށް. އަކްރަމަށް އެންމެ ބޮޑަށް ހެޔޮ އެދެނީ އަޅުގަނޑު”.

އެދެމީހުންގެ ” ހަނގުރާމަ” ހުއްޓުވޭތޯ އަކްރަމް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ކާމިޔާބީއެއް ނުވިއެވެ. ދެ މީހުން އަރާރުން ވަމުން ބޭރަށް ނުކުމެއްޖެއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ދެމީހުންގެ މީހުން އައިސް މުޅި ހިސާބުގަނޑު ފުރިއްޖެއެވެ. އަޑުފަށްގަނޑު ގަދަވެއްޖެއެވެ. އަރާރުންގަނޑު ބޮޑުވެގެން ގޮސް އިސާހިތަކު ބަޑިޖަހާ އަޑު އިވެން ފަށައިފިއެވެ.

” އަކްރަމް” . ނާހިދާ ބުނެލިއެވެ. ” އަހަންނަށް ހީވަނީ ސަހަރަކީ އަހަރެމެންނަކާ އެކަށީގެންވާ ތަނެއް ނޫންހެން. ދިރި ތިބިއްޔާ ގެއެއް އެޅިދާނެ. އަހަރެމެން ދިރިއުޅެން އެންމެ ރަނގަޅީ އެ ޖަންގަލި. މައްސަލަ ހޫނު ވެގެން ގޮސް އެމީހުން މި ގެއަށް ޙަމަލާ ދިނުމުގެ ކުރިން ފިލައިގެން ދަމާ ހިނގާ.”

” ތިޔައީ ރަނގަޅު ވާހަކައެއް.” އަކްރަމް ފުން ނޭވާއެއް ލިއެވެ. ” އަވަހަށް ބޭނުންވާ އެއްޗެހި ނަގައި ތައްޔާރު ކުރޭ.”

އޭގެ ކުޑަ އިރުކޮޅެއްފަހުން ފެންނަނީ އަކްރަމާއި، އޭނާގެ ޢާއިލާ އަނެއްކާވެސް ގެއިން ނުކުމެގެން ފިލަން ދުވާ ތަނެވެ. އެމީހުން ނުކުމެގެން ދިޔަ އިރުވެސް ބަޑިޖަހާ އަޑާއި، ހަޅޭ ލަވާ އަޑު އިވެއެވެ. މުޅި ރަށަށް އޮތީ ސިޔާސީ ކުޅިގަނޑުގެ ހިޔަނި އެޅިފައެވެ.

( ނިމުނީ)

Advertisements