ނަވާރަ ސަތޭކަ ނުވަދިހައިގެ އަހަރު ތަކުގައި ވެސް ދިވެހިރާއްޖޭގައި ރަސްމީ މުއާޞަލާތު ކުރުން އޮތީ ސިޓީ، މެސެޖުގެ ޒަރިއްޔާއިންނެވެ. މިގޮތުން މުޅި އަތޮޅުގެ ހުރިހާ ރަށްރަށަކަށް ފޮނުވާ މެސެޖު ތަކާއި ސިޓީތައް ލިބޭ މައި މަރުކަޒަކީ އެ އަތޮޅެއްގެ އަތޮޅުއޮފީހެވެ.
އަތޮޅުއޮފީހުން ރަށްރަށުގެ އޮފީސްތަކަށް މެސެޖު ފޮނުވުމުގެ އެހީތެރިއަކީ އޭރުގައި ގެންގުޅޭ ވޯކީޓޯކީ އެވެ. ވޯކީ ޓޯކީއޭ ބުނުމުން މިހާރުގެ ކުދިންނަށް އެއީ ކޮންއެއްޗެއްކަންވެސް ނޭނގި ދާނެއެވެ. އެހެންވެދާނެތާއެވެ. މި ޒަމާނުގައި އެކި ނަންނަން ކިޔައިގެން މި ގެންގުޅޭ ފޯނުތައް އަތުގައި އޮންނަކަންވެސް ނޭނގެއެވެ. ޖީބަށް ލައިގެން ވާހަކަ ދައްކަމުން ދާއިރު މީ މޮޔައެކޭ ހީވާ ފަހަރު އާދެއެވެ. ހަމަ ބާރަށް ހީނހީނ ފައި ވާހަކަދައްކަމުން ގެންދަނީއެވެ. ގިނަފަހަރަށް ކަންފަތަށް ޖަހާފައި އޮންނަ ވާގަނޑު ވެސް ނުފެނެއެވެ. ޚާއްޞަ ކޮށް އަންހެން ކުދިން ވާހަކަ ދައްކަމުން މިދަނީ އަމިއްލަ ނަފުސާއޭ ވެސް ހީވެއެވެ. ނަމަވެސް މި ބުނާ ވޯކީޓޯކީ އަކީ އަތް ތިލައިން ފެށިގެން އަތުގެ މުލައްދަނޑިއާ ހަމައަށް ދިގު ފޮށިގަނޑެއްހެން އޮންނަ އެއްޗެކެވެ. އޭގައި ހަރުކޮށްފައި ހުންނަ އެންޓަނާ ދަމާލުމުން ކަޅުއޮށް ބާނަން ގެންގުޅޭ ދޮއްޓަކަށްވުރެ ކުރެއް ނުވާނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މި ވޯކީ ޓޯކީ ހިފައިގެން އަތޮޅުއޮފީހުން ރަށްރަށަށް ފޮނުވަންޖެހޭ މެސެޖު ތައް ފޮނުވުމަށް ދާންޖެހެނީ އަތިރި މައްޗަށެވެ. ބައެއްފަހަރު ގޮނޑު ދޮށަށްވެސް އެރޭން ޖެހޭނެއެވެ. ރަށްރަށުން ވޯކީޓޯކީ ހިފައިގެންތިބޭ މީހުންގެ ޙާލަތަކީވެސް މިއެވެ. ސިގުނަލް ހޯދުމަށްޓަކައެވެ.
އެއްފަހަރަކު އަތޮޅު އޮފީހުގެ ވޯކީޓޯކީ އޮޕަރޭޓަރ މެސެޖު ކިޔަމުން މިގެންދަނީ އެވެ. އަތިރިމަތީގައި ގޮނޑުދަށުގެ ދޮންވެލިގަނޑާ ހަމައަށް ފައިބާ އެންޓަނާ ދެމޭ އެންމެ ބޮޑަކަށް ދަމާލައިގެން ކޮންމެ ރަށެއްގެ މެސެޖު ލަފުޒުތައް ތަކުރާރު ކުރަމުން ގެންދެއެވެ. ޖަވާބުދާރީވާން ގިނަ ރަށްރަށުން ތިބީ ކަތީބުންނެވެ. ލޮލުކޮޅަށް ކިރިޔާ ފެންނަ ހިސާބުން ދާ މީހަކަށްވެސް ލިބޭ، ލިބޭ ގޮވާ އަޑު އިވޭނެއެވެ.
އޮޕަރޭޓަރ މެސެޖު ކިޔަމުން ދިޔައިރު އެއް ރަށަކުން ގޮވާލައިފިއެވެ. "ތިޔަ އޮބުލިކު ބަހަނީ ކިހިނެއް ހެއްޔެވެ؟ އެ ރަށަކީ މާކުޑަ އަދި އާބާދީ މަދު ރަށެކެވެ. އެކަމަކު އެރަށަށް ތިޔަދިނީ އޮބުލިކު ވިއްސެވެ. މިރަށަކީ މި އަތޮޅުގެ އެންމެ އާބާދީ ބޮޑު އަދި އެންމެ ބިން ބޮޑު ރަށެވެ. މި ރަށަށް ތިޔަ ދިނީ އޮބުލިކު ފަހެކެވެ." މި ޖެހުނީ ބޮޑު މައްސަލަ އެކެވެ. އޮޕަރޭޓަރަށް މި ޖެހުނީ އޮބު ލިކު ކިޔަވައިދޭށެވެ. އެންމެ ފަހުން އޮބުލިކު ބަހާގޮތް ރަށްރަށުގެ ހުރިހާ ވެރިންނަށް ކިޔައިދީފި އެވެ. އޮބުލިކު އަންނަނަނީ އަހަރާއި، އޮފީސް ކޯޑާއި އެއް އޮފީހަކުން އަނެއް އޮފީހަކަށް ދާ ސިޓީގެ، މެސެޖުގެ ޢަދަދު ނަންބަރުކަން އޮޅުން ފިލުވައިދީފި އެވެ.
ތިޔަކުރާ މަސައްކަތަށް ހަމަ ސާބަސް ވަރަަށް ފުރިހަމަ