ދޮގު ހަބަރު ފެތުރުމާއި ފިތުނަ އުފެއްދުމަކީ މީހުން މެރުމަށްވުރެވެސް ނުބައިކަން ބޮޑު ކަމެެއްކަމުގައި މިއަދުގެ ހުކުރު ހުތުބާގަިއ ބުނެފިއެވެ.

"ދޮގު ވާހަކަ ދެއްކުމާއި ދޮގު ހަބަރު ފެތުރުމުގެ ނުބައިކަން،" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، މުޖުތަމައު ފަސާދަކޮށް ރަނގަޅު މަގަށް ހުރަސްއެޅުމަށް މަސައްކަތްކުރާ މީހުން ބޭނުންކުރާ އެންމެ ނުރައްކާތެރި ވަސީލަތަކީ ދޮގު ވާހަކަތަކާއި ދޮގު ހަބަރުތައް ފެތުރުން ކަމަށެވެ. ދޮގު ވާހަކަ ދެއްކުމާއި ދޮގު ހަބަރު ފެތުރުމުގެ ނުބައިކަމަށް އަލިއަޅުވައިލާ ހުތުބާގައި ބުނީ ދޮގު ހަބަރު ފަތުރާ މީހަކީ މުޖުތަމައުގައި ހިމެނޭ ވިހަ ގުނަވަނެއް ކަމަށާއި އޭނާއަކީ އޭނާގެ ތަބީއަތުގައި ދޭތެރެ ޖެއްސުމާއި ދެބައޮޑުވުމުގެ ނުބައި ސިފަ އަށަގެންފައިވާ މީހެއް ކަމަށެވެ.

އަދި މާތް ރަސްކަލާނގެ މުސްލިމުންނަށް އަމުރު ކުރައްވާފައި ވަނީ ތެދު ބަސްބުނުމަށްކަން ފާހަގަކޮށް ހުުތުބާގައި ބުނީ އިސްލާމް ދީނުގައި ދޮގުހެދުން ހަރާމް ކުރައްވާފައިވާއިރު، މުޖުތަމައުގައި ފެތުރޭ ވާހަކަތަކުގެ ތެދު ދޮގު ނުބަލައި އެ ވާހަކަތައް ގަބޫލު ކުރުމަކީ ފަރުދުންނަށާއި ޖަމާއަތަށް ބޮޑެތި ގެއްލުންތައް ކުރިމަތި ކުރުވާނެ ކަމެއް ކަމަށެވެ.

ދޮގު ވާހަކަ ދެއްކުމާއި ދޮގު ހަބަރު ފެތުރުމުގެ ނުބައި ކަމާއި އޭގައި ހިމެނޭ ބިރުވެރިކަމުގެ ބޮޑުކަމުން މާތް ރަސްކަލާންގެ ވަނީ ދޮގު ހެދުން ހަރާމް ކުރައްވައިފަ އެވެ. މާތް ރަސްކަލާންގެ ވަނީ ދޫ ރައްކާތެރި ކުރުމަށް އަމުރު ކުރައްވައިފަ އެވެ. ސާބިތު ނުހިފޭ ޔޯލަ ވާހަކަ ދެއްކުން ވަނީ ހަރާމް ކުރައްވައިފައެވެ.
ހުތުބާ

ހުތުބާގައި ބުނީ، ދޮގު ވާހަކަތައް ފެތުރުމުގެ ނުބައިކަމާއި އެފަދަ ވާހަކަތައް ގަބޫލުކުރުމުގެ ސަބަބުން އިންސާނުން ކުރިމަތިލާން ޖެހުނު މުސީބާތްތަކުގެ ވާހަކަތައް ކީރިތި ޤުރުއާނުގައި އައިސްފައިވާ ކަމަށެވެ. އެގޮތުން އިބިލީހުގެ ވާހަކަ އާދަމުގެފާނަށް ގަބޫލު ކުރެއްވުމުގެ ނަތީޖާއަކަށްވީ ސުވަރުގެއިން ނުކުމެވަޑައިގަންނަވަން ޖެހިވަޑައިގެން، ބުރައެއް ނެތް ހަޔާތަކުން ބުރަ ހަޔާތަކަށް ދިރިއުޅުއްވުން ބަދަލުވެގެން ދިޔަކަން ފާހަގަކުރިއެވެ.

ދޮގު ވާހަކަ ދެއްކުމާއި ދޮގު ހަބަރު ފެތުރުމުގެ ނުބައިކަމާއި އޭގައި ހިމެނޭ ބިރުވެރިކަމުގެ ބޮޑުކަމުން ދޮގުހެދުމާއި ސާބިތު ނުހިފޭ ޔޯލަ ވާހަކަ ދެއްކުން މާތް ﷲ ހަރާމް ކުރައްވައި ދޫ ރައްކާތެރިކުރުމަށް އަމުރު ކުރައްވާފައިވާ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި ދޮގު ހަބަރު ފަތުރާ މީހަކީ މުޖުތަމައުގެ އަމަން އަމާންކަމުގެ ހައްގުގައި ބޮޑު ޖަރީމާއެއް ކަމަށާއި އެއީ އޭނާގެ ދީނުގެ ހައްގުގައިވެސް ޖަރީމާއެއް ކަމަށް ހުތުބާގައި ބުންޏެވެ.