ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ރީ-ރެޖިސްޓްރޭޝަނަށް ސައްހަ ނޫން ފޯމު ހުށަހަޅާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް، އިސްމާއީލް ހަބީބު ވިދާޅުވީ، ރިޔާސީ އިންތިހާބު 2023 ގެ ދެވަނަބުރުގެ ރީ-ރެޖިސްޓަރ ކުރުމަށް، ގިނަ އަދަދެއްގެ ފޯމު ހުށަހަޅާ ފަރާތްތަކުން، ގެންނަ ފޯމުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން، އިލެކްޝަންސް ކޮމިޝަންގެ ފޯނު ނަންބަރަކުން، ފޯމު ހުށަހަޅާ ފަރާތްތަކަށް ގުޅާނެ ކަމަށެވެ.

ސައްހަނޫން ފޯމެއް ހުށަހަޅައިފިނަމަ، އެ ފޯމެއް ހުށަހެޅި ފަރާތަކާ މެދު ފިޔަވަޅު އަޅަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ހަބީބު ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން އެއްވެސް މީހެއްގެ ވޯޓު ލުމުގެ ހައްގަށް ހުރަސް ނޭޅުމަށް އެކްސް.ކޮމްގައި ކުރެއްވި ޓުވީޓެއްގައި ހަބީބު ވަނީ އިލްތިމަސް ކޮށްފައެވެ.

ދެވަނަ ބުރުގެ ރީ ރެޖިސްޓްރޭޝަނަށް ހުޅުވާލީ އެއްދުވަސްކުރިންނެވެ. މިފަހަރު ދީފައި ވަނީ ދެދުވަހެއްގެ މުއްދަތެވެ. އަދި ހަފުތާބަންދުގެ މިދެ ދުވަހަށްފަހު ރީ ރަޖިސްޓަރ ވުމަށް ހުޅުވާލި ފުރުސަތު މާދަމާ، 17 ސެޕްޓެމްބަރު ވާ އާދީއްތަ ދުވަހަށް ސުންގަޑި ހަމަވާނެއެވެ.

މިމުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރަޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ރަށަކަށް ނުވަތަ ތަނަކަށް ރަޖިސްޓަރީވާން އެދޭ މީހުން އެކަނިކަމަށް އީސީން ވަނީ ހާމަކޮށްފައެވެ.

ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް އީސީގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ނުވަތަ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި، ސިޓީ ކައުންސިލްތަކުގެ އަވަށްތަކުގެ އޮފީސްތަކުންކަމަށް އީސީން ވަނީ ބުނެފަައެވެ. އަދި މާލޭގައިނަމަ، އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިން ކަމަށްވެސް އީސީން ބުންޏެވެ.

ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަންޖެހޭނެއެވެ. އަދި ފޯމު ހުށަހަޅާއިރު، އީސީގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ ފޯމުގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރަންވާނެކަމަށް އީސީން ބުންޏެވެ.