ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް, ރައީސް އިބްރާހިމް މުޙައްމަދު ސާލިހަށް ތާއީދު ހޯއްދަވަން އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިލިމާލޭގައި ދޮރުންދޮރަށް ހިނގުމުގެ ހަރަކާތެއް ކުރިއަށް ގެންދަވައިފިއެވެ.

އެކަމަނާ ވަނީ އެ ހަރަކާތުގައި ވިލިމާލޭގެ އެކި ގެތަކަށް ޒިޔާރަތް ކުރައްވާ ރައްޔިތުންގެ ހާލު ބައްލައްވާލައްވާފައިވެއެވެ.

މީގެއިތުރުން ފަޒްނާވަނީ މިދިޔަ ހަފްތާގައިވެސް މާލޭގައި ވެސް ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތެއް ކުރިއަށް ގެންދަވާފައެވެ.

އަދި އެ ހަރަކާތަށް ފަހު ފަޒްނާ ވަނީ އެ ދުވަހު އިތުރަށް 5 ވޯޓް ހޯއްދެވި ކަމަށާއި ޒުވާބުކުރުމުގައި ވަގުތު ބޭކާރުކޮށްލުމުގެ ބަދަލުގައި ވޯޓު ހޯދަން މަސައްކަތްކޮށްދޭން އެދިވަޑައިގެންފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތު ކުޑަތަންވަމުން އަންނަ އިރު، މި ބުރުގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުންވެސް އަންނަނީ ވަރަށް ފޯރީގައި ކެންޕެއިން ކުރައްވަމުންނެވެ.