ހެޔޮގޮތުގައި ދަރީން ތަރުބިއްޔަތުކުރުމަށް ށ. ގޮއިދޫ ސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތުދީފިއެވެ.
މި މަހު 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ސެޝަނަކީ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒާއި ކަނޑިތީމު ޕޮލިސް ސްޓޭޝަނާއި ގޮއިދޫ ސްކޫލް އަދި ރަށު ކައުންސިލް އިދާރާ ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
ފުލުހުން ވިދާޅުވީ އެ ސެޝަނުގައި، ބެލެނިވެރިންގެ ދައުރަކީ ކޮބައިކަމާއި ރަނގަޅު ބެލެނިވެރިއެއްގެ ކިބައިގައި ހުންނަންވާނެ ސިފަތަކާ ގުޅޭގޮތުން މައުލޫމާތުދީފައިވާ ކަމަށެވެ. އަދި ބެލެނިވެރިންނަކީ ދަރިންނަށް އަޑުލައި ހަދާނެ ބައެއް ނޫންކަމަށާއި ދަރިންނަށް ގޯސްކަމެއް ކުރެވުނަސް އަޑުލައި ހެދުމުގެ ބަދަލުގައި ލޯތްބާއެކު ނަސޭހަތްތެރިވުމަށާ އަދި ތަފާތުނުކޮށް ކުދިންގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އަދި ގުޅިގެން ބެލެނިވެރިކަން ކުރުމުގެ ފައިދާއާއި ދިރިއުޅޭ މާހައުލު ކުދިން ދެނެގަންނަގޮތާއި އުނގެނުމުގައި ދަރިފުޅަކީ ކޮންކަހަލަ ކުއްޖެއްކަން ދެނެގަންނާނެގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެއްކަން ހަނދާންކުރުމަށާއި ތިމާގެ ދަރިފުޅުގެ ކުށް ފޮރުވުމަށްޓަކައި އަނެކާގެ ދަރިފުޅަށް ބަދުބަސް ނުބުނުމަށާއި ދަރިން އެންމެ އަވަހަށް ކޮޕީކުރާނީ ބެލެނިވެރިންގެ ފަރާތުންކަން ހަނދާންކޮށްދީފައިވެއެވެ.
މީގެ އިތުރުން، ދަރިން ތަރުބިއްޔަތުކުރުމުގައި ހަމަހިމޭންކަމާއި އިހުތިރާމުކުރުން އަދި ލޯބިވެތިކަމާއި ޒިންމާދާރުކަމުގެ ސިފަތައް ބޭނުންކުރުމަށް މައުލޫމާތު ހިއްސްކޮށްފައިވެއެވެ. އަދި ގޭތެރޭގައި ކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށާއި ގޭތެރޭގައި ކުދިން ވަގުތު ހޭދަކުރާއިރު އަދި ފޯނާއި ޓެބްލެޓް ފަދަ ތަކެތި ކުދިން ގެންގުޅޭއިރު ބެލެނިވެރިން އެކަމަށް ހާއްސަ ސަމާލުކަމެއްދިނުމުގެ އިތުރުން އިންޓަނެޓް ބޭނުންކޮށްގެން ކުދިން ކުރާ ކަންތައްތައް ރަނގަޅަށް މޮނީޓަރކުރުމަށާ އަދި އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ކުދިން ރައްކާތެރިކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އަދި ހަމައެހެންމެ ރަހުމަތްތެރިންގެ ގޮތުގައި ކުދިން ގެންގުޅެނީ ކޮންކަހަލަ ބައެއްތޯ ދެނެގަތުމަށާއި ރަނގަޅު ނޫން މަގެއް ކުދިން އިހުތިޔާރުކޮށްފިނަމަ ބެލެނިވެރިން އެއްފިޔަވަޅު ކުރިއަށް އަޅަންޖެހޭނެ ކަމަށާ އަދި ކުދިންގެ ބަސްމަގު ރީތިކުރުމަށާއި ކޮންމެ މީހަކަށްވެސް އިހުތިރާމުކުރަން ކުދިންނަށް ބާރުއެޅުމާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އަދިވެސް އޭގެއިތުރުން، ދަރިންތަރުބިއްޔަތު ކުރުމުގައި ސަމާލުކަންދޭންވީ ކަންތައްތަކާއި ހެދޭގޯސްތަކާއި އެކަމުގެ ސަބަބުން ނުކުންނާނެ ނޭދެވޭ ނަތީޖާތަކާ އަދި މިކަންކަން ހައްލުކުރުމަށް ބެލެނިވެރިޔާއަށް ކުރެވިދާނެ ކަންތައްތަކުގެ އިތުރުން ބެލެނިވެރިޔާގެ ޒިންމާތަކާ ގުޅޭގޮތުން މައުލޫމާތުދީފައިވެއެވެ.