ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ޓިކްޓޮކް ޖޫރިމަނާކޮށްފިއެވެ.

ރިޕޯޓޫތައް ބުނާ ގޮތުގައި އީޔޫއިން ޓިކްޓޮކް ޖޫރިމަނާ ކުރީ ޖެނަރަލް ޑާޓާ ޕްރޮޓެކްޝަން ރެގިއުލޭޝަންއާ ހިލާފުވުމުންނެވެ. އީޔޫއިން ކޮށްފައިވަނީ 379 މިލިއަން އެމެރިކާ ޑޮލަރުގެ ޖޫރިމަނާއެެކެވެ.

އީޔޫ އިން ހާމަކޮށްފައިވާ ގޮތުގައި ކުޑަކުދިންނާ ގުޅޭ ޑޭޓާތައް ރައްކާތެރިކުރުމުގައި ޓިކްޓޮކް ވަނީ ފެއިލް ވެފައެވެ.

އީޔޫގެ އިދާރާއެއް ކަމަށްވާ އައިރިޝް ޑާޓާ ޕްރޮޓެކްޝަން ކޮމިޝަން އިން ބުނީ ޓިކްޓޮކް ޖޫރިމަނާ ކޮށްފައިވަނީ ތިން މަސްދުވަހު ދިރާސާކުރުމަށް ފަހު ބަދަލެއް ނައުމުން ކަމަށެވެ.

އީޔޫ އިން ކުރި ޖޫރިމަނާއާ މެދު ޓިކްޓޮކުން ވަނީ ހިތްހަމަނުޖެހުން ފާޅު ކޮށްފައެވެ. ޓިކްޓޮކްގެ ތަރުޖަމާނު ނެރެފައިވާ ބަޔާނުގައި ވާގޮތުން ޓިކްޓޮކުން އެ ފިޔަޅާ މެދު ދެކޮޅު ހަދައެވެ. ޓިކްޓޮކުން އިތުރަށް ބުނި ގޮތުގައި، ޑާޓާ ޕްރޮޓެކްޝަން ކޮމިޝަނުން ފާހަގަ ކުރި ކަންކަން ޓިކްޓޮކުން ވަނީ ރަނގަޅު ކޮށްފައެވެ. އަދި ޓިކްޓޮކްގައި ކުޑަކުދިންގެ އެކައުންޓްތައް ހުންނާނީ ޑިފޯލްޓްކޮށް ޕްރައިވެޓަށް ބަދަލުކޮށްފައި ކަމަށް ވެސް ޓިކްޓޮކުން ވަނީ ބުނެފައެވެ.

ޓިކްޓޮކުން ވަނީ އީޔޫއިން އެޅި ފިޔަވަޅާމެދު ހިތްހަމަނުޖެހުން ފާޅުކޮށް އެ މައްސަލަ އަޔަލެންޑުގެ އިދާރާތަކަށް ހުށަހެޅުމަށް ނިންމާފައެވެ.